ޤާސިމް އިބްރާހީމްގެ ހަޔާތްޕުޅާ ބެހޭ ބަޔޯގްރަފީ ނެރެފި

ޤާސިމް އިބްރާހީމްގެ ހަޔާތްޕުޅާ ބެހޭ ބަޔޯގްރަފީ ނެރެފި

ވިލާ ކޮލެޖުގައި މިރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ވިލާ ގްރޫޕްގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ހަޔާތްޕުޅާ ބެހޭ ބަޔޯގްރަފީ ނެރެފިއެވެ. ބަޔޯގްރަފީ ނެރެދެއްވީ، މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހިމްއެވެ.

ތަޖުރިބާކާރު ނޫސްވެރިޔާ މުޙައްމަދު ޖަމީލް ލިޔުއްވާފައިވާ މި ފޮތަކީ 700 އަށްވުރެ ގިނަ ސަފުހާގެ މައްޗަށް އެކުލެވިގެންވާ ފޮތެކެވެ. މިއީ ޖަމީލް ކުރިން ލިޔުއްވާފައިވާ ރައީސް މުޙައްމަދު އަމީނު އަދި ރައީސް މުޙައްމަދު ވަޙީދުގެ ބަޔޯގްރަފީތަކަށްފަހު ނެރުއްވާ ތިންވަނަ ބަޔޯގްރަފީއެވެ.

މިރޭގެ ރަސްމިއްޔާތުގައި ފޮތުގެ އިތުރުން އޭގެ އޯޑިއޯ ވާޝަނާއި ފޮތަށް ޚާއްޞަ ވެބްސައިޓެއްވެސް ވަނީ އިފްތިތާޙުކުރެވިފައެވެ. އަދި ޤާސިމްގެ ހަޔާތްޕުޅު ތަމްސީލުކޮށްދޭ ފޮޓޯ މައުރަޒެއްވެސް ވަނީ ހުޅުވާފައެވެ. އާންމުންނަށް ހުޅުވާލެވިފައިވާ މި މައުރަޒު މާދަމާ ހެނދުނު 9:00 އިން ރޭގަނޑު 10:30 އާ ހަމައަށް ކުރިއަށްދާނެއެވެ. މައުރަޒަށް ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް ކުލަކޮށް، ހާޑްކަވަރ ބައިންޑިންގއާއެކު ޗާޕުކުރެވިފައިވާ ބަޔޯގްރަފީގެ ހިލޭ ކޮޕީއެއް ލިބިވަޑައިގަންނަވާނެއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރެއިން އެކަކު ކަމުގައިވާ ޤާސިމް އިބްރާހީމްއަކީ އާންމުންނަށް އެހީތެރިވުމުގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. މި ފޮތުން އޭނާގެ ވިޔަފާރީގެ އަދި ސިޔާސީ ދާއިރާގެ ތަޖުރިބާތަކާއި ކާމިޔާބީތަކުގެ މަޢުލޫމާތު ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ތެރޭގައި ވިލާ ކޮލެޖް މެދުވެރިކޮށް 2،000 އަށްވުރެ ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *