ޕެންޝަން އޮފީހުން މާލީ ދާއިރާއާއި ގުޅޭ ސްކޮލަރޝިޕް ޕްރޮގްރާމެއް ތަޢާރަފުކޮށްފި

ޕެންޝަން އޮފީހުން މާލީ ދާއިރާއާއި ގުޅޭ ސްކޮލަރޝިޕް ޕްރޮގްރާމެއް ތަޢާރަފުކޮށްފި

Author
ހުސައިން
10 ފެބްރުއަރީ 2025 01:11
0

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން (އެމް.ޕީ.އޭ.އޯ)، މާލީ ދާއިރާގައި ޕްރޮފެޝަނަލުން އުފެއްދުމަށް ސްކޮލަރޝިޕް ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ.

އެމް.ޕީ.އޭ.އޯ އިން މަޢުލޫމާތު ދެއްވިގޮތުގައި، މި އިސްނެގުމަކީ ރާއްޖޭގެ މާލީ ދާއިރާއަށް މުހިއްމު ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ފުރުސަތެކެވެ.

މެރިޓް އަށް ބަލައިގެން ދެވޭ މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ދައުލަތުން ހަމަޖައްސައިދޭނެއެވެ. އަދި ދުނިޔޭގެ ޔުނިވަރސިޓީތަކުގެ ވަރުގަދަކަމުގެ ތަރުތީބަށް ބަލައި، އެފަދަ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި އަންޑަރގްރެޖުއެޓް އަދި ގްރެޖުއެޓް ޕްރޮގްރާމްތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެމް.ޕީ.އޭ.އޯ އިން ބުނިގޮތުގައި މި ޕްރޮގްރާމްގެ ދަށުން ކިޔެވޭނެ ދާއިރާތައް އަހަރަކު އެއްފަހަރު އިޢުލާނު ކުރާނެއެވެ. މިގޮތުން ޕެންޝަން އޮފީހަށާއި ޤައުމުގެ މާލީ ދާއިރާއަށް މުހިއްމު ދާއިރާތަކަށް އިސްކަންދެވޭނެއެވެ.

2025 ވަނަ އަހަރަށް އެމް.ޕީ.އޭ.އޯ އިން ވަނީ އެއް އަންޑަރގްރެޖުއެޓް ޕްރޮގްރާމް ހުޅުވާލާފައެވެ. މި ޕްރޮގްރާމްގެ ދަށުން ފައިނޭންޝަލް ރިޕޯޓިންގ އެންޑް އެނަލިޓިކްސް، އިކޮނޮމެޓްރިކްސް ނުވަތަ އެކްޗުއަރިއަލް ސައިންސްގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއަކުން ކިޔެވޭނެއެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މާރިޗު 16 ވަނަ ދުވަހުގެ ހަވީރު 4:00 ގައެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 8 އިން 17 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.