ފުލުހުންގެ ފަރާތުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ހެލްމެޓު އެޅުން މަޖުބޫރު ނޫން ސަރަހައްދުތަކުގައި ވެސް ހެލްމެޓު އަޅައިގެން އުޅޭ މީހުން ހުއްޓުވައި ފާސްކުރަން ފަށާފައިވާ ކަމަށް ހާމަކޮށްފައެވެ. މިގޮތަށް ހެލްމެޓު އެޅުން މަޖުބޫރު ނޫން ސަރަހައްދުތަކުގައި ބައެއް މީހުން ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓު އަޅައިގެން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެފަދަ ފަރާތްތަކުން ވިޔަފާރިތަކަށާއި ހިދުމަތްދޭ ތަންތަނަށް ވަދެއުޅޭކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ ހެލްމެޓު އެޅުން މަޖުބޫރުކުރަނީ ގަޑިއަކު 30 ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ އޮންނަ ސަރަހައްދުތަކުގައި ކަމަށެވެ. މި ސަރަހައްދުތައް ފާހަގަކޮށް ވަކި ބޯޑުތަކެއް ބެހެއްޓިފައި ހުންނާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން، މި ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން ސައިކަލު ދުއްވާ މީހުންނަށް ފާރަވެރިވެ، ކުށްކުރަން އުޅޭކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ.