ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ދެމެދު މިއަދު މާލޭގައި ފަސްވަނަ ޕޮލިސީ ޑައިލޮގު ބާއްވައިފިއެވެ.
މި މަޝްވަރާތަކުގައި ކުރިން ބޭއްވުނު ހަތަރު ބައްދަލުވުމުގައި ބަދަލުކުރެވުނު ޚިޔާލުތަކަށް އަލިއަޅުވާލައި، ދެ ޤައުމުގެ ވަފުދުން އިތުރު އާ ޚިޔާލުތަކެއް ހުށަހަޅާފައިވާކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ދިވެހި ވަފުދު ނަޔާބުކުރެއްވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ ކަމުގައިވާއިރު، ޖަޕާނު ސަރުކާރުގެ ވަފުދު ނަޔާބުކުރެއްވީ އެ ޤައުމުގެ ސައުތު އީސްޓް އަދި ސައުތު ވެސްޓު އޭޝިއަން ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް މިޔަމޮޓޯ ޝިންހޯއެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވުނީ ވިޔަފާރިއާއި އިޤްތިޞާދުގެ އިތުރުން ތަރައްޤީއާއި ސަޤާފީ ގުޅުންތަކުގެ މައްޗަށެވެ. މިގޮތުން މިހާރު ގާއިމުވެފައިވާ އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ވިޔަފާރީގެ އާ ދާއިރާތަކުން ގުޅުން ޤާއިމުކުރުމަށް ދެ ޤައުމުން އެއްބަސްވެފައިވެއެވެ. އަދި ޖަޕާނަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދޭ ޤައުމެއްކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، އިންޑިއާ ކަނޑުގެ ސުލްޙައަށް ދެ ޤައުމުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި މޫސުމީ ވިލުންތެރިކަމުގައި އެހީވުމަށް މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވުނެވެ. އަދި މޫސުމީ ބަދަލުތަކާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށްވެސް މަޝްވަރާކުރެވުނެވެ. ނަމަވެސް ދެ ޤައުމުން ދެން ޕޮލިސީ ޑައިލޮގެއް ބާއްވާނެ ތާރީޚެއް ފޮރިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.