ރޭ 11:35 ހާއިރު ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފް ދަނޑުގެ ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި ދިޔަ ދެ މީހަކު ކޯރާޑިއަކުން ހަމަލާދިން މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އަނިޔާ ލިބުނު ފަރާތަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު، ހަމަލާދިން ދެ މީހުން ކަމަށްވާ ގދ. ފިޔޯރީގެ ރުސްތުމް އިބްރާހިމް އާއި ބ. ހިތާދޫގެ އަބްދުﷲ ޒާހިދު ޒުބައިރު ހައްޔަރުކޮށްފައިވަނީ ހައިވޭއިން މާލެ ދަނިކޮށެވެ.
މި ދެމީހުން ހައްޔަރުކުރިއިރު، މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅިއެއް ހިމެނޭ ގޮތަށް ހަތިޔާރުތަކެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، މިދިޔަ ހަފްތާގައި އައިޖީއެމްއެޗް ކައިރީގައި މަގުމަތީގައި ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލުމާއެކު މާލޭގައި މާރާމާރީތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ