މި ސަރުކާރަކީ މަގުމަތިވެފައި ތިބި ޒުވާނުންނާއި މުޖުތަމަޢުގެ ތެރޭގައި އަޅާނުލެވި ތިބި ޒުވާނުންނަށް އަޅާލާ ސަރުކާރެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރިޔާސީ ބަޔާން 2025 ޕެނަލް ޑިސްކަޝަންގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ސަރުކާރާ ހަވާލުވިއިރު ފަރުވާ ނުފެށި 700 މީހުން ތިބިއިރު، އޭގެ ތެރެއިން 85 ޕަސެންޓް މީހުންނަށް މިހާރު ވަނީ ފަރުވާ ފަށައި، އޭގެ ތެރެއިން ގިނަ ބަޔަކަށް ފަރުވާދީ ނިމިފައެވެ. މާލޭގެ މަގުމަތީގައި ސަލާންޖެހުމާއި މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމައްޗަށް ވެއްޓިފައި ތިބޭ މީހުންގެ އަދަދު މަދުވެފައިވާކަމަށާއި، މިފަދަ ފަރާތްތަކަށް ރިމާންޑް ސެންޓަރުން ފަރުވާ ދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޑްރަގް ޑިމާންޑް ދަށްކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ މިއަހަރު ފެންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ވަޢުދުވެފައިވާ ގޮތަށް ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި ކޮމިއުނިޓީ ބޭސްޑް ރީހެބިލިޓޭޝަން މަރުކަޒުތައް މިއަހަރު ގާއިމްކުރެވޭނެއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ހާލަތު އޮތްގޮތް ކޮންމެ ރައްޔިތަކަށްވެސް އެނގޭނެއެވެ. ޑްރަގުގެ ވަބާއިން ސަލާމަތްވެފައިވާ އާއިލާއެއް ރާއްޖޭގައި ނެތްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށްކުރާ ގޭންގްތަކުގެ ސަގާފަތެއް އޮތްކަމާއި، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ އަދަދު ނޭނގޭ ހިސާބަށް ގޮސްފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި މައްސަލަ ހައްލުކުރުމަށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމާއި އެމީހުން ގާނޫނުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާކަމާއި، ހޯޕް އައިލެންޑްގެ އަމަލީ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަން ވަޒީރު އިޢުލާނުކުރެއްވިއެވެ.