ވޭޕް ބޭނުންކުރި 12 މީހަކު މިދިޔަ މަހު ޖޫރިމަނާ ކުރި

ވޭޕް ބޭނުންކުރި 12 މީހަކު މިދިޔަ މަހު ޖޫރިމަނާ ކުރި

ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި މިދިޔަ މަހު ވޭޕް ބޭނުންކުރުމާ ގުޅިގެން 12 މީހަކު ވަނީ ޖޫރިމަނާ ކުރެވިފައެވެ. އަދި މީގެ ކުރިން މިދިޔަ ޑިސެންބަރު މަހުގެ 15 އިން 31 އާ ދެމެދު، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާ ޚިލާފުވި 20 މައްސަލައެއްގައި 17 މީހަކު ޖޫރިމަނާ ކުރެވުނު ކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ވޭޕްގެ އެކި ބާވަތްތައް ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި ބޭނުންކުރުމާއި، ހިލޭ ބެހުމާއި، ވިއްކުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ އޮކްޓޯބަރު 14 ވަނަ ދުވަހުއެވެ. މި ނިންމެވުން ތަންފީޒު ކުރެއްވުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނެވުނު އިސްލާހަށް ޢަމަލުކުރަން ފެށިފައިވަނީ ނޮވެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެހި ބޭނުންކުރުން މަނާކުރެވިފައިވަނީ ޑިސެންބަރު 15 އިން ފެށިގެންނެވެ.

ޤާނޫނުގެ ދަށުން ވޭޕްގެ ބާވަތްތައް ރާއްޖެ އެތެރެކުރާ ފަރާތްތައް 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ ވޭޕަކަށް 10,000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ. މީގެ އިތުރުން ވޭޕް ވިއްކާ ފަރާތްތައް 20,000 ރުފިޔާއިން ޖޫރިމަނާކުރެވޭއިރު، ވިއްކާ ކޮންމެ އެއްޗަކަށް 10,000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ. އަދި ވޭޕް ހިލޭ ބަހާ ފަރާތްތައް 10,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. ޚާއްސަކޮށް ކުޑަކުދިންނަށް ވޭޕް ވިއްކުމާއި ހިލޭ ދިނުމުގެ މައްސަލަތަކުގައި އިތުރު 50,000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.

ފުލުހުންގެ ފަރާތުން ވިދާޅުވެފައިވާ ގޮތުގައި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް މޯބައިލް ފޯނުގެ ޒަރީއާއިން ކުރު މެސެޖެއް ފޮނުވައި، ވާރު ޕޭގެ ޕޭމަންޓް ލިންކް މެދުވެރިކޮށް ޖޫރިމަނާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. އަދި ފުލުހުން ވަނީ އެންމެހާ ރައްޔިތުން މި ޤާނޫނަށް ފުރިހަމައަށް ޢަމަލުކުރުމަށާއި، ޤާނޫނު ތަންފީޒުކުރުމުގައި ފުލުހުންގެ ޚިދުމަތަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *