ރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭނަކީ ރާއްޖޭގެ ލީޑަރޝިޕް ދައްކުވައިދޭ ޕްލޭނެއްކަމުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. އިއްޔެ ބޭއްވުނު މި ޕްލޭން ހިއްސާކުރުމުގެ ވޯކްޝޮޕްގައި މިނިސްޓަރ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ މުސްތަޤްބަލް ބައްޓަންކުރުމުގައި މި އެކްޝަން ޕްލޭންގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި މި ޕްލޭން އެކުލަވާލުމަށް ވޭތުވެދިޔަ އަހަރުތެރޭ ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މީގެ ތެރޭގައި ކަމާގުޅުންހުރި ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވޯކްޝޮޕްތައް ބާއްވައި، ނޭޝަނަލް އަދި ސަބް ނޭޝަނަލް އެމްބިޝަންތަކާއި އަމާޒުތައް ދެނެގަތުމުގެ މަސައްކަތް ހިމެނެއެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ކުޑަ ނަމަވެސް، މި ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަކީ އުންމީދީ ލަނޑުދަނޑިތަކެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ބޭނުންވާ ދާއިރާތައްވެސް މި ޕްލޭންގައި ހިމަނާފައިވާކަން ފާހަގަކުރެއްވިއެވެ.
އިއްޔެގެ ވޯކްޝޮޕްގައި ޕްލޭންގެ ލަނޑުދަނޑިތައް ކަނޑައެޅުމަށް ބޭނުންކުރި މެތަޑޮލޮޖީގެ ފަންނީ ޕްރެޒެންޓޭޝަންތަކެއް ދެއްކުމާއެކު، ޕްލޭން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް މުހިންމު ކްރޮސްކަޓިންގ ދާއިރާތަކާ ބެހޭގޮތުން ސެޝަނެއް ކުރިޔަށް ގެންދެވުނެވެ. މީގެ ތެރޭގައި ފައިނޭންސް، ޓެކްނޮލޮޖީ، ކްލައިމެޓް އެމްޕަވަރމަންޓް، ޖެންޑަރ، ކުޑަކުދިންނާއި ޒުވާނުން އަދި ކްލައިމެޓް އެޑްވޮކަސީ، ތަޢުލީމާއި ހޭލުންތެރިކަން ހިމެނެއެވެ.
ކްލައިމެޓް އެކްޝަން ޕްލޭނަކީ ރާއްޖެއިން ބައިވެރިވެފައިވާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާކަމަށްވާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖުގެ ޕެރިސް އެގްރީމެންޓުގެ ދަށުން ކޮންމެ ޤައުމަކުންވެސް ހުށަހަޅަންޖެހޭ ޕްލޭނެކެވެ.