ދުރާލާ ސްކްރީންކުރުމަކީ ކެންސަރު ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރެވޭނެ ކަމެއް: ސިއްޙީ ވުޒާރާ

ދުރާލާ ސްކްރީންކުރުމަކީ ކެންސަރު ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރެވޭނެ ކަމެއް: ސިއްޙީ ވުޒާރާ

ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ނުރައްކާތެރި އާދަތަކުގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވާ ކަމުގައި ސިއްހީ ވުޒާރާއިން ވިދާޅުވެެއްޖެއެވެ. އެހެންކަމުން، މިފަދަ އާދަތަކުން ދުރުހެލިވެ، ދުރާލާ ސްކްރީންކުރުމަކީ ބަލި ޖެހުމުގެ ފުރުސަތު މަދުކުރެވިދާނެ ކަމެކެވެ.

2025 ވަނަ އަހަރުގެ ދުނިޔޭގެ ކެންސަރު ދުވަހުގެ ޝިއާރަކީ "ޔުނައިޓެޑް ބައި ޔުނީކް" އެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދަކީ ކެންސަރާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، އެ ބައްޔަށް ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ފަރުވާ ހޯދޭނެ ގޮތްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

ކެންސަރަކީ ހަށިގަނޑުގެ ސެލްތައް އާދަޔާ ޚިލާފަށް އުފެދި، ކޮންޓްރޯލުން ނެއްޓިގެންދާ ބައްޔެކެވެ. މި ބަލި ހަށިގަނޑުގެ ހުރިހާ ހިސާބަކަށްވެސް ޖެހިދާނެއެވެ. އަދި ކެންސަރު ޓިއުމަރުތައް އުފެދިފައިވާ ސަރަހައްދުގެ ޓިޝޫތަކާއި ސެލްތައް އެހެން ހިސާބުތަކަށް ފެތުރިދާނެއެވެ. މި ބަލި ދުރާލާ ދެނެގަނެ ފަރުވާ ނުލިބިއްޖެނަމަ، ނުވަތަ ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފެތުރިގެންދެއެވެ.

ކެންސަރަކީ ދުނިޔޭގައި މީހުން މަރުވާ ދެވަނަ އެންމެ ބޮޑު ސަބަބެވެ. އަހަރަކު 10 މިލިއަން މީހުން މި ބަލީގައި މަރުވެއެވެ. މީގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ދިރިއުޅުމުގެ ނުބައި އާދަތަކުގެ ސަބަބުން ކެންސަރު ޖެހިގެން މަރުވާ މީހުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތައަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ. މާލޭ ސަރަހައްދުގެ ހޮސްޕިޓަލުގެ 2019 އިން ފެށިގެން ބަލަހައްޓަމުންދާ ކެންސަރު ބަލިމީހުންގެ ދަފްތަރުން ދައްކާގޮތުގައި، ރާއްޖޭގައި އެންމެ ގިނައިން ފެންނަނީ އުރަމަތީގެ ކެންސަރު، ޕުއްޕާމޭގެ ކެންސަރު، ލޭގެ ކެންސަރު، ތައިރޮއިޑް، ލިވަރު އަދި ޕްރޮސްޓޭޓް ކެންސަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *