ޤާސިމް އިބްރާހީމްގެ ޙަޔާތްޕުޅާ ބެހޭ ބައޯގްރަފީއެއް ނެރުމުގެ މަސައްކަތް ފުރިހަމަކޮށް ނެރެން ތައްޔާރު ވެއްޖެއެވެ. މި މަހުގެ 10 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ މި ބައޯގްރަފީއަކީ 1000 އަށްވުރެ ގިނަ ސަފުހާ އެކުލެވޭ، ހާޑް ކަވަރުގައި ޗާޕުކުރެވިފައިވާ ފޮތެކެވެ. ބައޯގްރަފީ ލިޔުއްވާފައިވަނީ އެ ދާއިރާއިން ކުރިއަރަމުން އަންނަ ލިޔުންތެރިއެއް ކަމުގައިވާ މުޙައްމަދު ޖަމީލެވެ.
މި ބައޯގްރަފީގައި އޮނަރަބްލް ޤާސިމް އިބްރާހީމްގެ ޙަޔާތްޕުޅުގެ އެކި ދާއިރާތަކަށް ވަރަށް ތަފްޞީލީކޮށް އަލިއަޅުވާލައްވާފައިވެއެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ކާމިޔާބުތަކާއި، ނާކާމިޔާބުތަކާއި، ދަރުމަވެރި ޚިދުމަތްތަކާއި، ވިޔަފާރިއާއި، އިޖްތިމާޢީ އަދި އާއިލީ ދިރިއުޅުމުގެ އިތުރުން، ސިޔާސީގޮތުން ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކުގައި ތަޖުރިބާކުރެއްވި ކަންކަން ހިމެނެއެވެ.
ފެބްރުއަރީ 10 ވަނަ ދުވަހު ވިލާ ކޮލެޖުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޮތް ނެރުމުގެ ރަސްމިއްޔާތުގައި، ބައޯގްރަފީގެ އޯޑިއޯ އަދި ވީޑިއޯ ކްލިޕްތަކާއެކު ވެބްސައިޓެއް އިފްތިތާޙުކުރުމާއި، ޤާސިމްގެ ޙަޔާތްޕުޅު ކުރުގޮތަކަށް ދައްކުވައިދޭ ފޮޓޯ މައުރަޒެއް ހުޅުވުން ހިމެނެއެވެ. ފޮޓޯ މައުރަޒު ޖެހިގެން އަންނަ ދުވަހު ހެނދުނު 9:00 އިން ރޭގަނޑު 10:30 އަށް އާންމުންނަށް ހުޅުވާލެވޭނެއެވެ. އަދި މައުރަޒަށް ޒިޔާރަތްކުރައްވާ ބޭފުޅުންނަށް ބައޯގްރަފީގެ ކޮޕީއެއް ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
ޤާސިމް އިބްރާހީމަކީ ޒުވާން އުމުރުއްސުރެ ދިވެހިރާއްޖޭގެ ތަރައްޤީއަށާއި، ވިޔަފާރިއަށާއި، އިޤްތިޞާދަށް މެދުކެނޑުމެއްނެތި ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ދަރުމަވެރި ޚިދުމަތްތަކަކީ ރާއްޖޭގައި އަމިއްލަ ފަރުދަކު މިހާތަނަށް ފޯރުކޮށްދެމުންދާ އެންމެ ފުޅާ ދާއިރާގެ ދަރުމަވެރި ޚިދުމަތްތަކެވެ. ވޭތުވެދިޔަ 50 އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އައިސްފައިވާ ތަރައްޤީގައި އެމަނިކުފާނުގެ ހިއްސާ ވަރަށް ބޮޑެވެ.
ރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތުގައި ޤާސިމް އިބްރާހީމް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. ޚާއްޞަކޮށް، ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފްކުރުމަށް އެކުލަވާލެވުނު ޤާނޫނުއަސާސީ އެކުލަވާލުމުގައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލައްވައިގެން ކުރެއްވި މަސައްކަތްޕުޅުތަކާއި، އޭގެ ފަހުން ވެސް ޤާނޫނުއަސާސީއާއި ޑިމޮކްރަސީއާއި ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކޮށްލެވެއެވެ.