މިއަދު ފުލުހުންގެ އޮޕަރޭޝަނަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދެމުން ބުނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅޭ މައުލޫމާތެއް ލިބުމާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ގ. ޖޫތީގެ، ހަސަން ނަޒީހު (32އ) ހައްޔަރުކުރެވުނު ކަމަށެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ހަސަން ނަޒީހު ހައްޔަރުކުރުމުގެ އިތުރުން އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ދެ ގެއެއް ބަލައި ފާސްކުރެވުނެވެ. މި ބަލައި ފާސްކުރުމުގައި، 1 ކިލޯއަށްވުރެ ގިނަ ވަގުތީ ބަރުދަނެއް ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްސާއި ގިނަ އަދަދެއްގެ ފައިސާ ހޯދިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ހަސަން ނަޒީހުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.