ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން، ސާރކް ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ބަންގްލަދޭޝްގައި އެމްބީބީއެސް އަދި ބީޑީއެސް ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ. މި ފުރުޞަތު އަލުން ހުޅުވާލާފައި މިވަނީ 31 ޑިސެމްބަރ 2024 ގައި ކުރެވުނު އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރ އޮފް މެޑިކަލް އެންޑް ބެޗްލަރ އޮފް ސާޖަރީ (އެމްބީބީއެސް) އަށް ހަ ފުރުޞަތާއި، ބެޗްލަރ އޮފް ޑެންޓަލް ސާޖަރީ (ބީޑީއެސް) އަށް އެއް ފުރުޞަތު ހިމެނޭގޮތަށް ޖުމްލަ ހަތް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގައި 2021 ނުވަތަ އޭގެ ފަހުން ޖީސީއީ އޯލެވެލް، އައިޖީސީއެސްސީ ނުވަތަ އެސްއެސްސީ އިމްތިޙާނުގެ ފަސް މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމާއި، 2023/2024 ގައި ޖީސީއީ އޭލެވެލް ތިން މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާންވާނެއެވެ. މި މާއްދާތަކުގެ ތެރޭގައި ކެމިސްޓްރީ، ބައިއޮލޮޖީ، އަދި ފިޒިކްސް ހިމެނެންވާނެއެވެ.
މީގެއިތުރުން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ކަނޑައަޅުއްވާފައިވާ ޝަރުތުތައް ފުރިހަމަވުމާއި، ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ވެބްސައިޓްގައި ނުވަތަ ކޯސް ހިންގާ ޔުނިވަރސިޓީން އިތުރު ޝަރުތެއް ކަނޑައަޅާފައިވާނަމަ އެ ޝަރުތެއް ފުރިހަމަވާންވާނެއެވެ. އަދި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ، އެ ލޯނު ޑީފޯލްޓް ނުވެ ގަވާއިދުން ދައްކަމުންދާ ފަރާތަކަށްވާންވާނެއެވެ. އަދި އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުމާއެކު، އެފެންވަރުގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައި ނުވުން ޝަރުތު ކުރެވިފައިވެއެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި މި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މިނިސްޓްރީއިން ނޮމިނޭޓްކުރުމަށްފަހު، ފައިނަލް ސެލެކްޝަން ހަދާނީ ބަންގްލަދޭޝް ހެލްތް ޕްރޮޓެކްޝަން އިންސްޓިޓިއުޓް (ބީއެޗްޕީއައި) އިންނެވެ. މި ފުރުޞަތަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 1 ފެބްރުވަރީ 2025 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 އެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.
ކޮމެންޓު ފޮނުވާ