ރައްޔިތުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމަށް ވަކި ޤާނޫނެއް އެކުލަވާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި

ރައްޔިތުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމަށް ވަކި ޤާނޫނެއް އެކުލަވާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި

Author
ހުސައިން
20 ޖެނުއަރީ 2025 08:12
0

ތަފާތު ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވައްދަމުންދާ މައްސަލަ އަލުން ފެންމަތިވުމާ ގުޅިގެން، ރައްޔިތުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމަށް ޓަކައި ވަކި ޤާނޫނެއް އެކުލަވާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

މިހާރު އަލުން މި މައްސަލަ ކުރިމަތިވެފައިވަނީ، ސަރުކާރު ހިންގާ ޕީއެންސީން ސަރުކާރުގެ ބެލުމުގެ ދަށުގައިވާ އާންމު ރައްޔިތުންގެ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އެ ޕާޓީއަށް މެންބަރުން އިތުރުކުރި ކަމަށް ތުހުމަތުކުރެވޭތީއެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދައުލަތާއި އަމިއްލަ ފަރާތްތަކުގެ ރެކޯޑުތަކުން މިފަދަ މަޢުލޫމާތު ހޯދައި ބޭނުންކުރުމަކީ ރައްޔިތުންގެ އަމިއްލަ ދިރިއުޅުމުގެ ޙައްޤަށް އަރައިގަތުން ކަމަށެވެ.

މި މައްސަލައިގައި އެ ޖަމްޢިއްޔާއިން ވަނީ، މިފަދަ ޢަމަލުތަކަށް މަގުފަހިވެފައިވާ ސަބަބުތައް ބަލައި، މިކަމުގައި ބައިވެރިވި ފަރާތްތަކާމެދު މިނިވަން ތަޙްޤީޤެއް ހިންގުމަށާއި، ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. އަދި މިނިވަން މުއައްސަސާތަކުން އެ ފަރާތްތަކުގެ ޒިންމާ އަދާނުކުރާތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މި މައްސަލަ ހައްލުކުރުމަށް ޓަކައި ފެބްރުއަރީ 15 އިން ފެށިގެން ޕާޓީތަކަށް މެންބަރުން ވެވޭނީ ހަމައެކަނި އީފާސް މެދުވެރިކޮށް ކަމަށް ނިންމައިފައެވެ. އަދި މިހާރު ފުރާފައި ހުރި ކަރުދާސް ފޯމުތައް ޖެނުއަރީ 30 ގެ ކުރިން އީސީއަށް ހުށަހެޅުމަށް އަންގައި، އޭގެ ފަހުން އެއްވެސް ކަރުދާސް ފޯމެއް ބަލައިނުގަންނާނެކަން އަންގައިފައިވެއެވެ. މި މައްސަލައިގައި އީސީން ބުނެފައިވަނީ ފޯމުތަކުގެ ޞައްޙަކަން ކަށަވަރުކުރެވޭނެ ވަސީލަތްތައް އެ ކޮމިޝަނުގައި ނެތް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.