ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ރާއްޖޭގައި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެއް ކަމަށްވާތީ، އެފަދަ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާނަމަ އެ ތަކެތި ހިފެހެއްޓުމަށް އަންގައިފިއެވެ.
މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީން ކަސްޓަމްސްގެ ކޮމިޝަނަރު ފާތިމަތު ދިޔާނާއަށް ފޮނުވި ކަމަށް ބުނާ ސިޓީއެއް މިހާރު ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. މި ސިޓީގައި ރާއްޖޭގައި ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުން މަނާކަމާއި، ދުންފަތުގެ ބާވަތްތަކަކީ ކޮބައިކަން ބަޔާންކޮށްފައިވެއެވެ.
ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެއް ކަމުގައިވާތީ، އެއިން އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ، އެ ތަކެތި ހިފަހައްޓައި ނައްތާލުމަށް އެދިފައިވެއެވެ.
ބައެއް މަސްދަރުތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ހެލްތު މިނިސްޓްރީން ކަސްޓަމަށް މި ސިޓީ ފޮނުވާފައިވަނީ، ދުންފަތް އުފެއްދުން ގާނޫނުގައި މަނާކޮށްފައިވާތީ، ދުންފަތް އުފެއްދުމަށް ބޭނުންކުރާ އޮޅާ ސާމާނު ހިމެނޭތޯ ބެލުމަށް ކަސްޓަމުން މިނިސްޓްރީގައި ލަފަޔަކަށް އެދުމުންނެވެ. އަދި މި ސިޓީގެ ސައްހަކަން މިނިސްޓްރީން އެ މަސްދަރުތަކަށް ކަށަވަރުކޮށްދީފައިވީ ނަމަވެސް، "ދަ ޕްރެސް" އިން ސުވާލުކުރުމުން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ސިޓީގެ ސައްހަކަން ކަށަވަރުކޮށްދެވޭނީ އައު އަހަރުގެ ބަންދަށްފަހު ސަރުކާރު ހުޅުވުމުން ކަމަށެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުން މިފަހުން ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގައި ދުންފަތުގެ ބާވަތްތަކުގެ ގަސް ހެއްދުމާއި ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ. އަދި ހަމައެހެންމެ ދުންފަތުގެ ގަސް ހެއްދުމަށް ބޭނުންކުރެވިދާނެ އެއްވެސް ބާވަތެއްގެ އެއްޗެއް އެތެރެކުރުމަކީވެސް މަނާކަމެކެވެ.
ކޮމެންޓު ފޮނުވާ