މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިއަދު އިއުލާން ކުރިގޮތުގައި ސްކޫލު ބަންދާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށްފިއެވެ. އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި އަހަރަށް ސްކޫލުތައް ބަންދުވުމާ ގުޅިގެން، ގިނަ ބަޔަކު އަތޮޅުތެރެއަށާއި ރާއްޖޭން ބޭރަށް ދަތުރުކުރާނެކަން ފާހަގަކުރެވެއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިހާރު މިވަނީ ރާއްޖެއަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވެފައެވެ. މި ދުވަސްވަރަކީ އާއްމުކޮށް ކޮޅިގަނޑުތައް އުފެދޭ މޫސުމެކެވެ. މިގޮތުން ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓަމިލްނާޑޫއާ ދިމާލު އައްސޭރި ފަށަށް މިސްރާބު ޖަހާނެ ކަމަށް ބެލެވެއެވެ. އަދި މި ހަފުތާގެ ތެރޭގައި ރާއްޖޭގެ ދުރުން ދެކުނުގައި އިތުރު ކޮޅިގަނޑެއް އުފެދޭނެ ކަމަށްވެސް ލަފާކުރެވެއެވެ.
އަންނަ ބުދަ ދުވަހުން ފެށިގެން ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށް ވައި ބާރުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ދެކުނާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، ވިލާގަނޑުގައި ގަޑިޔަކު 40-50 މޭލަށް ވައި ގަދަވެދާނެ ކަމަށް ލަފާކުރެވޭއިރު، ދެކުނާއި މެދުރާއްޖޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ. އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.