އިޒްރެލުން ހިފާފައިވާ ސީރިޔާގެ ގޯލާން ހައިޓްސްގައި އިޒްރޭލުގެ ރައްޔިތުން އާބާދުކުރުން އިތުރުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ބަޖެޓު 40 މިލިޔަން ޝެކެލް (11.13 މިލިޔަން އެމެރިކާ ޑޮލަރު) އަށް ވުރެ ގިނައެވެ.
އާދީއްތަ ދުވަހު ނެތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ގޯލަން ސެޓްލްމަންޓްތަކާއި ކަޒްރިންގައި ޑިމޮގްރަފިކް ކުރިއެރުން އިތުރުކުރުމަށް" 40 މިލިޔަން ޝެކެލްއަށް ވުރެ ބޮޑު ޚަރަދެއް ހިމެނޭ ޕްލޭނެއް އެގައުމުގެ ސަރުކާރުން ފާސްކޮށްފައިވާ ކަމަށެވެ.
ކަޒްރިން ނުވަތަ ޤަސްރިންއަކީ ގޯލަން ހައިޓްސްގައި ހިމެނޭ ސީރިއާގެ ޤުނައިޠިރާ ޕްރޮވިންސްގެ ބައެއްގެ ގޮތުގައި އޮތް، އިޒްރޭލުން ހިފާފައިވާ ސީރިއާގެ ރަށެކެވެ.
ނެތަންޔާހޫގެ އޮފީހުން ބުނެފައިވަނީ މި ޕްލޭން ފާސްކޮށްފައިވަނީ "ހަނގުރާމައާއި ސީރިއާއާއެކު އޮތް އައު ފްރަންޓަށް ރިޢާޔަތްކޮށް، އަދި ގޯލަންގެ އާބާދީ ދެގުނަ ކުރުމުގެ ބޭނުމުގައި" ކަމަށެވެ.
އިޒްރޭލުގެ "ހާރެޓްޒް" ނޫހުން ބުނާ ގޮތުގައި ހިފާފައިވާ ގޯލާންގެ އުސްބިންތަކުގައި މިހާރު ދިރިއުޅެނީ ގާތްގަނޑަކަށް 50،000 މީހުންނެވެ. އޭގެތެރެއިން ދެބައިކުޅަ އެއްބަޔަކީ އިޒްރޭލު މީހުންނެވެ. އަނެއް ދެބައިކުޅަ އެއްބައި އެކުލެވިގެންވަނީ ޑްރޫޒް، އަލަވީ އަދި އެހެނިހެން މީހުންގެ މައްޗަށެވެ.
ހިފާފައިވާ ގޯލަންގައި ގޯލަން ރީޖަނަލް ކައުންސިލްގެ ނަމުގައި ހިންގާ 33 ޔަހޫދީ ސެޓްލްމަންޓް ހުރެއެވެ.
ހިފާފައިވާ ސީރިއާގެ ގޯލަން ހައިޓްސްގައި ސެޓްލްމަންޓް އިމާރާތްކުރުން އިތުރުކުރުމަށް އިޒްރޭލުން ނިންމި ނިންމުން ސައުދީ އަރަބިއްޔާއިން ވަނީ ކުށްވެރިކޮށްފައެވެ. ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި، "ސީރިއާގެ ސަލާމަތާއި ސުލްހަ ހަމަޖެހުމުގެ ފުރުސަތުތައް ނައްތާލުމަށް" އިޒްރޭލުން ކުރަމުންދާ މަސައްކަތްތައް އަލުން ކުށްވެރިކުރިއެވެ.
ސައުދީ އަރަބިއްޔާއިން ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ގޮވާލާފައިވަނީ އިޒްރޭލުގެ މިއަމަލުތައް ކުށްވެރިކުރުމަށާއި، "ސީރިއާގެ ސިޔާދަތާއި ސަރަހައްދީ ސަލާމަތަށް" އިހުތިރާމްކުރުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ.
"ގޯލަންއަކީ ހިފާފައިވާ އަރަބި ސީރިއާގެ ބިމެއް" ކަމަށް މިނިސްޓްރީން ބާރުއަޅައި ބުނެފައިވެއެވެ.
މީގެ ކުރިން ތުރުކީގެ ފޮރިން މިނިސްޓްރީން ވަނީ އިޒްރޭލު-ސީރިއާ ޒޯނަށް ވަދެ ސީރިއާގެ ސަރަހައްދަށް ކުރިއަށް ދިއުމުގައި 1974 ގެ ޑިސްއެންގޭޖްމަންޓް އެގްރީމަންޓާއި ޚިލާފުވުން ވަރަށް ހަރުކަށި ގޮތެއްގައި ކުށްވެރިކޮށްފައެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، "ސީރިއާގެ ރައްޔިތުން އެތައް އަހަރެއް ވަންދެން އެދިއެދި ތިބި ސުލްހައާއި ސަލާމަތް ހޯދުމުގެ ފުރުސަތު އޮތް މި ނާޒުކު ދަނޑިވަޅުގައި، އިޒްރޭލުން އަނެއްކާވެސް އިސްތިއުމާރީ ވިސްނުން ކުރިޔަށް ނެރެމުންދާ ކަމުގައެވެ. އަޅުގަނޑުމެން ސީރިއާގެ ސިޔާދަތާއި، ސިޔާސީ އެއްބައިވަންތަކަމާއި، ސަރަހައްދީ ސަލާމަތަށް އޮތް ތާއީދު އަލުން ފާހަގަ ކުރަމެވެ."
އަސަދުގެ ވެއްޓުމުގެ ފައިދާ ނެގުން:
ގާތްގަނޑަކަށް 25 އަހަރު ވަންދެން ސީރިއާ އަނިޔާވެރިކަމާއެކު ވެރިކަން ކުރި ބަޝާރު އަލް އަސަދު ވަނީ ޑިސެންބަރު 8 ގައި ރަޝިޔާއަށް ފިލާފައެވެ. މިއީ އެންޓި-ރެޖީމް ގްރޫޕްތަކުން ދެ ހަފްތާއަށްވުރެ ކުރު މުއްދަތެއްގައި އެ ޤައުމުގެ މައި ސިޓީތައް ހިފުމަށްފަހު ދިމަޝްޤު ކޮންޓްރޯލް ކުރުމާ ގުޅިގެންނެވެ.
އަސަދުގެ ވެއްޓުމުގެ ފައިދާ ނަގަމުން، އިޒްރޭލުން ވަނީ ސީރިއާގެ ސިޔާދަތަށް އަރައިގަނެ، އެ ޤައުމުގައި ހުރި އަސްކަރީ ތަންތަނަށް އެއަރ ދޭ ހަމަލާތައް އިތުރުކޮށްފައެވެ.
އިޒްރޭލުން ވަނީ 1974 ގެ ޑިސްއެންގޭޖްމަންޓް އެގްރީމަންޓް ނިމުމަކަށް އައިސްފައިވާކަން އިޢުލާނުކޮށް، ގޯލަން ހައިޓްސްގެ ޑީމިލިޓަރައިޒްޑް ޒޯނަށް އެ ޤައުމުގެ ބާރުތައް ފޮނުވާފައެވެ. މި ހަރަކާތްތައް ވަނީ އދ އާއި ގިނަ އަރަބި ޤައުމުތަކުން ފުޅާ ދާއިރާއެއްގައި ކުށްވެރިކޮށްފައެވެ.