ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު މަހިބަދުއަށް ވަޑައިގެންނެވުމުން، ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް އެއްވެ، ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ އިއްޔެ އދ. ދަނގެއްޗަށެވެ. އަދި މިއަދު މެންދުރުފަހުގެ ވަގުތެއްގައި އިމަދޫއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.
މަހިބަދޫގައި ރައީސުލްޖުމްހޫރިއްޔާ އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ. މީގެއިތުރުން އަރިއަތޮޅު ކައުންސިލާއި، ހަންޏާމީދޫ ކައުންސިލާއި، ކުނބުރުދޫ ކައުންސިލުގެ އިތުރުން އެ ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާވެސް ބައްދަލުކުރައްވާނެއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި، މިހާތަނަށް 190 ކައުންސިލަކާ ބައްދަލުކުރައްވާފައިވެއެވެ. މި ދަތުރުފުޅުތަކުގައި އެމަނިކުފާނު ރަށްރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވައި، ތަރައްގީގެ މަޝްރޫޢުތައް ތަރުތީބުކުރާނެ ގޮތާމެދު މަޝްވަރާކުރައްވައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ