އަލިފާނުގެ ހާދިސާއާއި ގުޅިގެން 3 ވުޒާރާއެއްގެ މަސައްކަތްތައް މުޅިން ހުއްޓުމަކަށް

އަލިފާނުގެ ހާދިސާއާއި ގުޅިގެން 3 ވުޒާރާއެއްގެ މަސައްކަތްތައް މުޅިން ހުއްޓުމަކަށް

Author
ޙަސަން މުޙައްމަދު
12 ޑިސެމްބަރ 2024 02:28
0

ހައުސިންގ މިނިސްޓްރީގައި ހިނގި އަލިފާނުގެ ހިތާމަވެރި ޙާދިސާއިން ދައުލަތުގެ ތިން މުހިންމު ވުޒާރާއެއްގެ މަސައްކަތްތައް ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. މި ނުރައްކާތެރި އަލިފާނުގެ ޙާދިސާ ހިނގިކަން ސިފައިންނަށް އެންގުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 6:27 ގައެވެ. މި ޙާދިސާ ހިނގީ ހައުސިންގ މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރމަންޓް މިނިސްޓްރީ ހިންގަމުން އައި އިމާރާތުގައެވެ.

އަލިފާނުގެ ސަބަބުން މުޅި އިމާރާތް ވަނީ އަނދައި ހަލާކުވެފައެވެ. ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދެއްވާ ގޮތުގައި މި ތިން މިނިސްޓްރީގެ މަސައްކަތްތައް ވަނީ މުޅިން ހުއްޓިފައެވެ. މީގެ އިތުރުން، މާލޭ ސިޓީ ކައުންސިލަށްވެސް ވަނީ އެތައް ގެއްލުންތަކެއް ލިބިފައެވެ. ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި އެތަނުގައި ހުރި ވަރަށް މުހިންމު ލިޔެކިއުންތަކެއް ވަނީ ހަލާކުވެފައެވެ. މި ލިޔެކިއުންތައް ސަލާމަތްކުރުމުގެ މަސައްކަތް ސިފައިންނާއި ސިޓީ ކައުންސިލް މުވައްޒަފުން ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މާލޭ ސިޓީ ކައުންސިލުން އިތުރަށް ހާމަކުރި ގޮތުގައި މި އަލިފާނުގެ ޙާދިސާގައި މާލޭ މީހުންގެ ގޯތީގެ ރަޖިސްޓްރީތައް ފަދަ މުހިންމު ލިޔެކިއުންތަކަށް ވަނީ ގެއްލުން ލިބިފައެވެ. ނަމަވެސް، ހައުސިންގ މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ގެދޮރުވެރިޔާ ސްކީމްގެ ލިޔެކިއުންތައް ހުންނާނީ މިނިސްޓްރީގެ ޕޯޓަލްގައި ކަމަށްވުމުން، މި ލިޔެކިއުންތަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.