ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޔުނިވަރސިޓީތަކުން ދިވެހި ދަރިވަރުންނަށް ޖާގަ ކަށަވަރު ކުރުމަށް މަސައްކަތް ކުރަނީ

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޔުނިވަރސިޓީތަކުން ދިވެހި ދަރިވަރުންނަށް ޖާގަ ކަށަވަރު ކުރުމަށް މަސައްކަތް ކުރަނީ

Author
ހުސައިން
01 ޑިސެމްބަރ 2024 09:35
0

ދިވެހި ދަރިވަރުންނަށް ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ޔުނިވަރސިޓީތަކުން ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށް މަސައްކަތްކުރަމުންދާކަން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ސަރުކާރަށް އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމްގެ "52 ހަފްތާ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވެފައިވަނީ ރާއްޖޭގައި ދެވޭ އެންމެ މަތީ ފަންތީގެ ސްކޮލަރޝިޕަކީ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ކަމަށާއި، މިއަހަރު 19 ދަރިވަރަކަށް މި ސްކޮލަރޝިޕް ދެވިފައިވާ ކަމަށެވެ.

އަޅުގަނޑުމެން މަސައްކަތް މިކުރަނީ އޮކްސްފޯޑާއި ހާވާޑާއި ކެމްބްރިޖްފަދަ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބޭ ދިވެހިންނަށް ކޮންމެ ޔުނިވަރސިޓީއަކުންވެސް 1 ނުވަތަ 2 ޖާގަ ކަށަވަރުކުރެވޭތޯ. މި ޔުނިވަރސިޓީތަކުން ޖާގަތަކަކީ ކުރިން ކަނޑައެޅިފައި ހުންނަ އެއްޗެއް ނޫން. އެހެންނަމަވެސް ޖާގަތައް ކުރިން ކަނޑައެޅި ދިވެހިންނަށް ލިބޭނެކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން.

ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޑރ. ނަޒީރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ދަށުން ބޭރުގެ ޔުނިވަރސިޓީތަކުން ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ލިބުނު ނަމަވެސް، ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ޔުނިވަރސިޓީތަކަށް ވަނުމަށް ދަރިވަރުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. މި ސަބަބަށްޓަކައި، އޮކްސްފޯޑް، ހާވާޑް އަދި ކެމްބްރިޖް ފަދަ މަޝްހޫރު ޔުނިވަރސިޓީތަކުން ކޮންމެ އަހަރަކުވެސް އެއް ނުވަތަ ދެ ޖާގަ ދިވެހި ދަރިވަރުންނަށް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމަށް ސްކޮލަރޝިޕްތަކާއި ލޯނުގެ ފުރުޞަތުތައް ތަނަވަސްކޮށްދީފައެވެ. މި ގޮތުން މަތީ ތަޢުލީމާބެހޭ ވުޒާރާގެ އެކި ފުރުޞަތުތަކުގެ ދަށުން މިވަގުތު 2249 ދިވެހިން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރަމުން ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.