ޤަތަރުން އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމާއި ހަނގުރާމައިގެ އަސީރުން މިނިވަންކުރުމުގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ގޮތުގައި ކުރަމުންދިޔަ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލައިފިކަމަށް އިސް އޮފިޝަލުން ބުނެފިއެވެ.
އިސްރާއީލާއި ހަމާސްއިން މަޝްވަރާތަކުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ދައްކަން ފެށުމުން އަލުން މަޝްވަރާތައް ފަށާނެ ކަމަށް ޤަތަރުން ބުނެފައިވެއެވެ.
މި ނިންމުން އައިސްފައިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ހުށަހެޅި އައު ހުށަހެޅުންތައް ހަމާސްއިން ބަލައިނުގަތުމާ ގުޅިގެން ދޯހާގައި ހަމާސްގެ ތަމްސީލުކުރާ ފަރާތްތައް ތިބުން އެމެރިކާއިން އިތުރަށް ޤަބޫލުނުކުރާނެ ކަމަށް އެމެރިކާގެ އިސް އޮފިޝަލުން ބުނެފައިވާތީއެވެ.
މެދުވެރިއެއްގެ ދައުރު ހުއްޓާލާފައިވި ނަމަވެސް، ދޯހާގައި ހިންގާ ހަމާސްގެ ސިޔާސީ އޮފީހުން "އިތުރު ބޭނުމެއް ނުކުރާ" ކަމަށް ބުނެ ފެތުރުނު ޚަބަރުތަކަކީ "ސައްހަ ނޫން" ޚަބަރުތަކެއް ކަމަށް ޤަތަރުން ބުނެފައިވެއެވެ.
"އެންމެ ފަހުން އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރި ދުވަސްވަރު، އެ ބުރުގައި އެއްބަސްވުމަކަށް ނާދެވޭނަމަ، ހަމާސްއާއި އިސްރާއީލާ ދެމެދު މެދުވެރިވުމުގެ މަސައްކަތް މެދުކަނޑާލާނެ ކަމަށް 10 ދުވަސް ކުރިން ދެފަރާތަށް އަންގާފައިވާނެ" ކަމަށް ޤަތަރުގެ ޚާރިޖީ ވުޒާރާގެ ބަޔާނެއްގައި ބުނެފައިވެއެވެ.
"އަނިޔާވެރި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދެފަރާތުން ޝައުގުވެރިކަމާއި ސީރިއަސްކަން ދައްކާ ހިނދު… ޤަތަރުން އެ މަސައްކަތް އަލުން ފަށާނެ" ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އޮބާމާގެ ވެރިކަމުގައި އޭރުގެ އެމެރިކާގެ ސަރުކާރުގެ އެދުމުގެމަތިން 2012 އިން ފެށިގެން ހަމާސްގެ މައި މަރުކަޒެއް ޤަތަރުގެ ވެރިރަށް ދޯހާގައި ދަނީ ހިންގަމުންނެވެ.
ނުސީދާ ގޮތުން މަޝްވަރާތަކުގައި ބައިވެރިވުމަށް "އިންކާރުކުރުމާ" ގުޅިގެން، ދޯހާގައި ހުރި ހަމާސްގެ ސިޔާސީ އޮފީސް ބަންދުކުރުމަށް އެމެރިކާއާއެކު ޤަތަރުން އެއްބަސްވެފައިވާ ކަމަށް ހޮނިހިރު ދުވަހު ގިނަ ނޫސްތަކުން ރިޕޯޓުކުރިއެވެ.
ނަމަވެސް މި ރިޕޯޓުތަކަކީ "ސައްހަ ނޫން" ރިޕޯޓުތަކެއް ކަމަށް ޤަތަރުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. އަދި މި ވާހަކަތައް ހަމާސްގެ އޮފިޝަލުންވެސް ވަނީ ދޮގުކޮށްފައެވެ.