ޑޮކްޓަރުން ތަމްރީނު ކުރުމަށް ޔުނިވަރސަލްއިން ދޭ 3 ސްކޯލާރޝިޕްގެ ލިޔުން ހަވާލުކޮށްފި

ޑޮކްޓަރުން ތަމްރީނު ކުރުމަށް ޔުނިވަރސަލްއިން ދޭ 3 ސްކޯލާރޝިޕްގެ ލިޔުން ހަވާލުކޮށްފި

Author
ޙަސަން މުޙައްމަދު
21 އޮކްޓޯބަރ 2024 08:46
0

ޔުނިވަރސަލް ފައުންޑޭޝަނުން މިއަހަރު ހުޅުވާލި ޑޮކްޓަރުންގެ މަތީ ތަޢުލީމު ފުރުޞަތުގައި ހޮވުނު ތިން ފަރާތާއި ލިޔުން ހަވާލުކޮށްފިއެވެ.

މި ފުރުޞަތުގައި މެޑިކަލް ދާއިރާގެ ތިން ޑޮކްޓަރަކަށް މާސްޓަރސް ފެންވަރުގެ ތަޢުލީމު ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ތެރެއިން އެއް ބޭފުޅަކު މެލޭޝިއާގެ މަލާޔާ ޔުނިވަރސިޓީގައި މާސްޓަރ އޮފް އީއެންޓީ ކޯހެއް ފުރިހަމަކުރާނެއެވެ. އަދި ދެން ތިބި ދެ ބޭފުޅުންގެ ތެރޭގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކާއި، ސަރޖަރީގެ ދާއިރާގެ ޑޮކްޓަރެއް ހިމެނެއެވެ.

މި ފުރުޞަތު ލިބުނު ޑޮކްޓަރުންނަކީ ޑރ. ފާޠިމަތު މިޝްފާ ނަސީމް (މާސްޓަރ އޮފް އޯޓޯރައިނޯލަރިންގޮލޮޖީ)، ޑރ. ނުހާ ޢަބްދުއްރަޙްމާން (މާސްޓަރ އޮފް ޕީޑިއެޓްރިކްސް)، އަދި ޑރ. އާމިނަތު ނަޖުދާ (މާސްޓަރ އޮފް މެޑިސިން – ސަރޖަރީ) އެވެ.

މި ޕްރޮގްރާމަކީ ޔުނިވަރސަލްއިން ގިނަ ޒަމާންތަކެއް ވަންދެން ހިންގަމުން އަންނަ، އެ ކުންފުނީގެ ޗެއަރމަނާއި ޑިރެކްޓަރުން ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމެކެވެ. މިހާރުވެސް ގިނަ ޑޮކްޓަރުންތަކެއް މި ޕްރޮގްރާމުގެ ދަށުން ކިޔަވައި ނިންމަވާފައިވާއިރު، އަދިވެސް ބައެއް ޑޮކްޓަރުން ދަނީ ކިޔަވަމުންނެވެ.

2014 ގައި ޔުނިވަރސަލް ފައުންޑޭޝަން އުފެއްދުމުގެ ކުރިންވެސް މިފަދަ ގިނަ ފުރުޞަތުތަކެއް ޔުނިވަރސަލްއިން ވަނީ ފަހިކޮށްދީފައެވެ. ފައުންޑޭޝަން އުފެއްދުމަށްފަހު އެކަނިވެސް ބޭރުގެ ޤައުމުތަކުގައި ކިޔެވުމަށް 121 ސްކޮލަރޝިޕް ދީފައިވާއިރު، މިހާރުވެސް 15 އެއްހާ ދަރިވަރުން ޚާއްޞަކޮށް މެޑިކަލް ދާއިރާއިން ކިޔަވަމުންދެއެވެ.

ޔުނިވަރސަލް ފައުންޑޭޝަނުގެ މައިގަނޑު މަޤްޞަދަކީ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށް އެހީތެރިވުމާއި، އިންސާނިއްޔަތަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.