ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީއަށް ބޮޑު ކުރިއެރުމެއް އަތުވެއްޖެއެވެ. މީ
ރާގެ ހިސާބުތަކުން ދައްކާ ގޮތުގައި، ވިޔަފާރީގެ އާމްދަނީގެ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމެންޓު ފީ ނުހިމަނައި، ޓޫރިޒަމް ސިނާއަތުން ދައުލަތަށް 600 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ލިބިފައިވެއެވެ. މީގެ ތެރޭގައި ގްރީން ޓެކުހާއި ޓީޖީއެސްޓީގެ ގޮތުގައި އަށް ބިލިއަނެއްހައި ރުފިޔާ ހިމެނެއެވެ. ގްރީން ޓެކްސްގެ ގޮތުގައި 52.7 މިލިއަން ޑޮލަރު (808.2 މިލިއަން ރުފިޔާ) އަދި ޓީޖީއެސްޓީގެ ގޮތުގައި ސެޕްޓެންބަރު މަހުގެ ނިޔަލަށް 469.05 މިލިއަން ޑޮލަރު (7.1 ބިލިއަން ރުފިޔާ) ލިބިފައިވެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުން ވެސް ދައުލަތަށް ބޮޑު އަދަދެއްގެ އާމްދަނީ ލިބިފައިވެއެވެ. ޓޫރިޒަމް ބޭނުންތަކަށް ދޫކުރި ބިންތަކުގެ އިކުއިޒިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި 6.3 މިލިއަން ޑޮލަރު (97.5 މިލިއަން ރުފިޔާ) އަދި ބިންތަކުގެ ކުލީގެ ގޮތުގައި 92.3 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ދައުލަތަށް ލިބިފައިވެއެވެ. އަދި ޓޫރިޒަމް އެޑްމިނިސްޓްރޭޝަން ފީގެ ގޮތުގައި އިތުރު އެއް މިލިއަން ޑޮލަރު ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ޖުމްލަ ގޮތެއްގައި، ޖަނަވަރީ މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތަށް ސީދާ ޓޫރިޒަމް ސިނާއަތުން 621.35 މިލިއަން ޑޮލަރު (9.5 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބިފައިވާކަން މީރާގެ ހިސާބުތަކުން ދައްކައެވެ. މި އަދަދުތަކުން ދޭހަވަނީ ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދާކަމާއި، މި ދާއިރާއިން ޤައުމުގެ އިޤްތިޞާދަށް ކުރާ އަސަރުގެ ބޮޑުކަމެވެ.
ކޮމެންޓު ފޮނުވާ