ތިނަދޫ ސިޓީގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މޭޔަރާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބުނު

ތިނަދޫ ސިޓީގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މޭޔަރާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބުނު

Author
އަލީ ރައޫފް
08 އޮކްޓޯބަރ 2024 02:29
0

ތިނަދޫ ސިޓީގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން މޭޔަރު ސައުދު އަލީއާ ބައްދަލުކުރަން ކައުންސިލަށް ދިއުމުން، މޭޔަރާ ބައްދަލުވުމުގެ ފުރުސަތު ނުލިބުނު އެމީހުން ބުނެފިއެވެ. ރައްޔިތުން ގިނަ ފަހަރު މަތިން ކައުންސިލަށް ގޮސް، މިއަދު ހެނދުނު 8:30 އިން 11:00 އަށް މޭޔަރުގެ އިންތިޒާރުގައި ތިބި ނަމަވެސް، މޭޔަރު އެ ރައްޔިތުންނާ ބައްދަލުނުކުރައްވާ ކަމަށް ބުނެފައި ވެއެވެ. މި މުއްދަތުގައި މޭޔަރު ކޮފީއެއްގައި އިންނެވި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ފްލެޓްތަކުގައި ދިމާވަމުންދާ މައްސަލަތަކުގެ ތެރޭގައި ވާރޭވެހޭ ދުވަސްތަކުގައި ފެންވަދެ ތަކެތި ހަލާކުވުމާއި، ނަރުދަމާ ނިޒާމުގެ މައްސަލަތައް ހިމެނެއެވެ. މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ހަފްތާއަކަށްވުރެ ގިނަ ދުވަހު ވަޅުފެން ނުލިބުމެވެ. ފްލެޓްތަކުގެ މެއިންޓަނަންސްއާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށް އެގްރީމެންޓްގައި ބަޔާންކޮށްފައިވާ ކަމަށް ވެއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ވިދާޅުވެފައިވަނީ މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މޭޔަރު ރައްޔިތުންނާ ބައްދަލުނުކުރެއްވުމާއި، ފްލެޓް ކޮމިއުނިޓީ ވައިބަރ ގްރޫޕް އުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކައުންސިލުން ވަޅުފެނުގެ ބަދަލުގައި ސަޕްލައި ފެން ގުޅާފައިވާ ކަމަށާއި، ނަމަވެސް މިއީ މައްސަލައިގެ ހައްލެއް ނޫން ކަމަށް ރައްޔިތުން ދެކޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ސައުދުﷲ އިތުރަށް ވިދާޅުވެފައިވަނީ މިހާރު ތިނަދޫގައި އޮތީ ރައްޔިތުން ހޮވާފައިވާ ކައުންސިލަކާއި ކައުންސިލްގެ ރައީސެއް ކަމަށާއި، ނަމަވެސް މިހާރު ހުންނެވީ މޭޔަރަކަށް ވާތީ ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ބައްދަލުނުކުރެއްވީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށާއި، ރައްޔިތުންނާ ބައްދަލުކޮށް ޝަކުވާތައް އަޑުއަހަން ޖެހޭނެ ކަމަށް ސައުދުﷲ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.