އިންޑިއާގެ ނައިބު ރައީސް ޝްރީ ޖަގްދީޕް ދަންކަރު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފިއެވެ.
އިންޑިއާގެ ނައިބު ރައީސް ޝްރީ ޖަގްދީޕް ދަންކަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ދެމެދު ވެވުނު އެއްބަސްވުންތަކުގެ މުހިންމުކަން ފާހަގަކުރައްވައި، މިކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އަދި މި ގުޅުން ބަދަހިކުރުމުގެ ގޮތުން، ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް އަދި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ބެހޭ މަޝްވަރާތައް ކުރެވިފައިވާކަން ފާހަގަކުރެވެއެވެ. މީގެއިތުރުން، އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ދަށުން ރުޕޭ ކާޑުގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރެވިފައިވެއެވެ.
ރައީސް މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް އެގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ މިދިޔަ ނޮވެމްބަރު މަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅު ކުރިއަށްދާނީ މި މަހުގެ 6 ވަނަ ދުވަހުން 10 ވަނަ ދުވަހަށެވެ. ދަތުރުފުޅުގެ ތެރޭގައި، އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބޭއްވުނު މަރުޙަބާ ކިޔުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ރައީސްގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ރައީސް މުއިއްޒު ޝަރަފުގެ ގާޑު އިންސްޕެކްޓް ކުރެއްވިއެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެކުވެރިކަން ދަމަހައްޓާ ކުރިއެރުވުމަށް މަގުފަހިކޮށްދޭނެ ދަތުރުފުޅެއް ކަމުގައި ބެލެވެއެވެ.
ކޮމެންޓު ފޮނުވާ