އިންޑިއާގެ ލޯނު އެހީގައި އެޅި 700 ހައިސިން ޔުނިޓް ދިވެހި ސަރުކާރާ ހަވާލުކޮށްފި

އިންޑިއާގެ ލޯނު އެހީގައި އެޅި 700 ހައިސިން ޔުނިޓް ދިވެހި ސަރުކާރާ ހަވާލުކޮށްފި

ގުޅުންހުރި

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 700 ހައުސިން ޔުނިޓް މިއަދު އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ. މި ހަވާލުކުރުން ކުރިއަށް ގެންދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހުގައެވެ.

މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރި 227 މިލިއަން ޑޮލަރުގެ (3.5 ބިލިއަން ރުފިޔާ) ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 4،000 ހައުސިން ޔުނިޓް އެޅުމަށް ވަނީ ރޭވިފައެވެ. މީގެ ތެރެއިން މިހާރު ނިމި ހަވާލުކުރެވުނު 700 ޔުނިޓަކީ ފުރަތަމަ ފިޔަވައްސްގެ ބައެކެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި، މި ހަވާލުކުރެވުނު ފްލެޓުތަކުގެ ފިނިޝިންގ މަސައްކަތްތައް ވަނީ ފުރިހަމައަށް ނިމިފައެވެ. މި މަޝްރޫޢުގެ ބާކީ ހުރި ފްލެޓުތައް އިމާރާތްކުރެވެނީ 17-18 ބުރީގެ 32 ޓަވަރެއްގައެވެ. މި ޓަވަރުތަކުގެ ކޮންމެ ފަންގިފިލާއެއްގައި އަށް އެޕާޓްމަންޓް ހިމެނޭނެއެވެ. މުޅި މަޝްރޫޢު ނިމުމުން ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ލިބޭނެއެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވާ ގޮތުގައި މި މަޝްރޫޢުގެ އެންމެހައި މަސައްކަތްތައް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ފްލެޓުތަކަށް މީހުން ވަދެވޭވަރު ވާނީ އަންނަ އަހަރުގެ ޖުލައި ނުވަތަ އޮގަސްޓް މަހު ތެރޭގައި ކަމަށް ބެލެވެއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ފަރާތްތަކުގެ ފައިނަލް ލިސްޓު އަންނަ މަހު އާންމުކުރެވޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ