މާލޭގެ މަގެއްގައި އަންހެނެއްގެ އަތުން އައިފޯނެއް ޖަހައިގަތުމުގެ މައްސަލައެއްގައި ހއ. ކެލާ، ކޯދު، މުޙައްމަދު ޙިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމުގައި ޙިސާމް ފަސް މަސްދުވަހަށް ޖަލަށްލުމަށާއި، އިތުރު ދިހަ މަސްދުވަހަށް ގޭ ބަންދުގައި ބެހެއްޓުމަށް ނިންމާފައިވެއެވެ.
މި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ދަޢުވާ އުފުލުނެވެ. ނަމަވެސް، އަނެއް ފަރާތުގެ މައްޗަށް ދަޢުވާ ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާކަމަށް ކޯޓުން ކަނޑައެޅިއެވެ. ފޯނުގެ ވެރިފަރާތުން ދިން ހެކިބަހުގައި، އެން.ސީ.އައި.ޓީ. ކައިރިން ހިނގާފައި ދަނިކޮށް ސައިކަލެއްގައި އައި ދެމީހުންކުރެ ފަހަތުގައި އިން މީހާ ފޯނު ޖަހައިގަތްކަމަށާއި، އެ މީހަކީ ޙިސާމްކަމަށް ބުނެފައިވެއެވެ.
ފުލުހުންގެ ތަޙުޤީޤުގައި ޙިސާމާ ސުވާލުކުރުމުން، ފޯނު އޮތްތަން ބުނެދީ، އެތަނަށް ގޮސް ފޯނު ނަގައިގެން ގެނެސް ފުލުހުންނާ ޙަވާލުކުރިކަމަށް ފުލުސް އޮފިސަރެއް ކޯޓުގައި ހެކިބަސް ދީފައިވެއެވެ. ޙިސާމަކީ ކުރިން މަސްތުވާތަކެތި ބޭނުންކުރުމާއި ފޭރުމުގެ މައްސަލަތަކުގައި ޙުކުމް ކުރެވިފައިވާ މީހެއްކަމަށްވާތީ، އަދަބު ކަނޑައެޅުމުގައި އަސާސީ މިންގަނޑަށްވުރެ ދެ ދަރަޖަ މަތިކުރެވުނެވެ.
ނަމަވެސް، ފޭރިގަތް ފޯނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާތީ، އަދަބު ދެ ދަރަޖަ ލުއިކޮށްދިނުމާއެކު، އަދަބުގެ ބައެއް ގޭ ބަންދުގެ އަދަބަކަށް ބަދަލުކުރުމަށް ޤާޟީ ނިންމެވިއެވެ.
މިގޮތުން، ނުވަ މަހާއި 18 ދުވަހުގެ ޖަލު ޙުކުމުގެ ތެރެއިން ހަތަރު މަހާއި 18 ދުވަސް ޖަލުގައި ތަންފީޛުކޮށް، ބާކީ ފަސް މަސްދުވަސް ގޭ ބަންދަށް ބަދަލުކޮށް، ޖުމުލަ ދިހަ މަސްދުވަހު ގޭ ބަންދުގައި ބެހެއްޓުމަށް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ