އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ދަތުރުކުރާ ދިވެހިންނާއި ވަރކްވިސާގައި އަންނަ ފަރާތްތައް ކަރަންޓީން ވާންޖެނޭނެކަމަށް އެޗްޕީއޭއިން ކަނޑައަޅައިފި އެވެ.
އެޗްޕީއޭ އިން ބުނީ އިގިރޭސިވިލާތުން ރިޕޯރޓްކޮށްފައިވާ ކޯވިޑް-19ގެ އައު ބާވަތެއްގެ ވައިރަހުގެ ސަބަބުން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރި ކަމަށް ޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުގައި މާދަމާއިން ފެށިގެން ރާއްޖެ އަންނަ ދިވެހިންނާއި ވަރކްވިސާގައި އަންނަ މީހުން 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެކަމަށެވެ.
އެގޮތުން ރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން އިގިރޭސިވިލާތުގައި އުޅެފައިވާ މީހުނާއި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުންގެ ތެރެއިން ދިވެހިންނާއި ވަރކްވިސާގައި އަންނަ މީހުން ރާއްޖެ އައުމަށްފަހު 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނު ކުރުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އަދި މިފަރާތްތައް ރާއްޖެ އަންނަތާ 5 ދުވަހަށްފަހު އާއި 10 ދުވަހަށް ފަހު ޕީސީއާރު ޓެސްޓު ހަދަންޖެހޭގޮތަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ކުރިންވެސް ކަނޑައަޅާފައިވާގޮތަށް ރާއްޖެ އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާ ގެންނަންޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެގޮތުން މި މިހުގެ 16 ވަނަ ދުވަހު ވަނީ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަޙައްދަށް (މާލެ، ހުޅުމާލެ، ވިލިމާލެއަށް) އަންނަ ފަރާތްތައް ކަރަންޓީނުވާން ނުޖެހޭގޮތަށް ކަނޑައަޅާފައެވެ.
ކޮމެންޓު ފޮނުވާ