ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުމުގެ މައިގަނޑު ވަޞީލަތެވެ. ދިވެހިންގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ގިނައިން އެކްސްޕޯރޓް ކުރި އުފެއްދުމަކީވެސް ދިވެހި ކަނޑުމަހެވެ. ނަމަވެސް މިސިނާޢަތް ކުރިއެރި ތަނެއް ފަހަކަށް އައިސް ފެންނާކަށް ނެތެވެ.
މައިގަނޑު ސަބަބަކީ އެހެން ކަންތައްތަކުގެވެސް އަސްލު މައްސަލަ ކަމަށްވާ ސެންޓްރަލިސްޓް (މަރުކަޒީ) ޕޮލިސީއެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މަހުގެ ބާވަތްތަކާއި އަދި އެހެނިހެންވެސް ބާވަތްތައް އުފައްދައި، އެޒަމާނުގެ މިންގަނޑުން ބަލާއިރު ވަރަށް ބިޔަކޮށް މަސްވެރިކަމުގެ މަސައްކަތް ކުރަމުންއައި ބައެކެވެ. އެއީ އަތޮޅުތަކުން ސީދާ އެކްސްޕޯރޓް ކުރަމުން އައި މިނިވަން ވިޔަފާރިއެކެވެ.
ނަމަވެސް ޝަމްސުއްދީނުގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން މާލޭގައި އޮންނަ ވެރިކަމުން، ދިވެހިންގެ މުދަލަށް އަތްގަދަ ކުރަމުންދާ ފަދައިން، އަތޮޅުތަކުން ސީދާ ރާއްޖެއިން ބޭރަށް މަސް އެކްސްޕޯރޓް ކުރި ކުރުން ހުއްޓުވާ، މާލެއަށް ހުރިހާ އޮޑިފަހަރު ޖައްސާފައި ނޫނީ ބޭރަށް ނުދެވޭނެ ގޮތަށް ޤާނޫނު ހަދައި ވަރަށް މަކަރުވެރި ރޭވުމަކަށް ރާއްޖޭގެ ހުރިހާ އުފެއްދުމެއް މަރުކަޒީ ކުރުމުގެ ޞިޔާސަތު އެންމެ ކުރިއްސުރެ ވަނީ ތަންފީޒު ކުރެވެމުން އައިސްފައެވެ.
މިސިޔާސަތުގެ ސަބަބުން މަސްވެރިކަމާއި އަދި އެހެނިހެން ސިނާޢަތްތައްވެސް ވަނީ މާކުރިއްސު ވަޅު ޖެހެން ފަށާފައެވެ.
މަސްވެރިކަން ހީނަރުވާން ފެށުން
މަސްވެރިކަމާއި، އަދި އެހެންވެސް އުފެއްދުންތައް ހީނަރުވާން ފެށީ، މީގެ ކުރީގެ އެތައް ވެރިކަމެއްގެ އިހުމާލުގެ ސަބަބުންނެވެ.
މިގޮތުން ދިވެހިން ދުއް އެންމެ އަނިޔާވެރި ވެރިކަންތަކުގައި، ކަން ހިގާފައިވަނީ، އެއެއް މިއެއް ބެލުމެއް ނެތި، ޚުދުމުޚުތާރު ކަމާއެކު، ވެރިމީހާގެ އަމުރު މައުރޫފް ތަންފީޒު ކުރާ އުސޫލުންނެވެ. މުހައްމަދު އަމީނުގެ ވެރިކަމުގައި، ރާއްޖޭގެ ރައްޔިތުން ބާނާ މަސް ބާނައިގެން ގޮނޑުދޮށުން އަންނަތަނުން، މުޙައްމަދު ޢަމީން ދީދީ ކޮންމެ ރަށެއްގައިވެސް ކަނޑައަޅާފައި ތިބޭ ބޮޑު ވާރަވެރިން އައިސް މަސްވެރިން ބާނާ މަހަށް އަތްގަދަ ކުރެއެވެ.

އެގޮތުން ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވާ ބޮޑު ވާރަވެރިންގެ އަނިޔާވެރި ނިޒާމު، ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އައީ ދަގަނޑު އަތަކުން ދަމަހައްޓަމުންނެވެ. އެގޮތުން ބޮޑު ވާރަވެރިން މަސް ފޭރިގަތުމަށްފަހު ބާކީ އޮންނަ މަސްކޮޅު މަސްވެރިން ގެޔަށް ގެންދިއުމަށްފަހުވެސް، ކައްކާ ހިއްކާފައި ވިއްކަން މަޖުބޫރު ކޮށްފައި އޮތީ މުޙައްމަދު ޢަމީން ދީދީ ކަނޑައަޅާފައިވާ ކާޑުގެ ތަކަށެވެ.
މިގޮތުން ކޮންމެ ރަށެއްގައި ކާޑު ގެއެއް ހަދާ ހުރިހާ މަހެއް ކާޑު ގެއަށް ކިރީމާ، ކާޑުގެއިން ދެން 24 ގަޑިއިރަށް ކިރިޔާ ބަނޑު ފުރާނަ މުއްތި ކުރެވޭވަރުގެ ވައްތަރަކުން ލާއްސެއް ރައްޔިތު މީހާއަށް ދޫކުރާ އުސޫލަކީ އޭރު އެކަށައެޅިފައި އޮތް ނިޒާމެވެ. ޒުވާރި، ދޮނަޅަ، ބިންބި ފަދަ ކާޑުގެ ބާވަތްކުން މިދެންނެވި ލާހި ލިބުމުން، ހެޔޮވަރު އާއިލާއެއްގެ ބަނޑުފުރާނަ މުއްތި ކުރެވެނީ ހަމަ ކިރިޔާއެވެ. އެންމެފަހުން ޢަމީން ދީދީ މުޅި ރާއްޖެއަށް ޢިއުލާންކުރީ އޭނަޔާށް ލިބިފައިވާ ވެރިކަމުގެ ބާރުތަކުގެ ތެރެއިން، ކުރިން ދެމުން އައި ލާހީގެ މިންގަނޑުގެ ދެބައިކުޅަ އެއްބައި ބައިލާހިއަށް ކުޑަކޮށް، އެހެނަސް އެއީ ލާއްސެއް ކަމުގައި ކަނޑައެޅީ ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން، މަސްވެރިން އަތުން އާއިލާތަކަށް، ކުރިން މަހަށް ލިބެމުން އައި އެތިކޮޅުވެސް ދެބައިކުޅަ އެއްބަޔަށް މަދުވެ، މީގެ ހިތްދަތިކަމާއި، ވޭން އެތައްބަޔަކު ތަހައްމަލް ކޮށްފައި ވެއެވެ. ނަތީޖާއަކަށްވީ، ހިސާބުތަކުން ސީދާ އަދަދުން ރެކޯޑު ކުރެވިފައި ނުވިނަމަވެސް، ގިނަބަޔަކު ތަދު މަޑުކަމުގައި، އެޒަމާނުގައި ދުނިޔެ ދޫކުރަން ޖެހުމެވެ.
ޒަމާނީ މަސްވެރިކަން
ޒަމާނީ މަސްވެރިކަމަށް ނަޒަރު ހިންގަލާއިރު، މުޅި ދުނިޔެއަށް އައި އުފެއްދުންތެރިކަމުގެ އިންޤިލާބުގެ މަންފާ ދިވެހިންނަށް އެއްވެސް މިންވަރަކަށް ޙަޤީގަތުގައިވެސް ނުލިބޭ މައިގަނޑު ދެ ސަބަބެއް ފެންނާން އެބައޮތެވެ.
ފުރަތަމަ ސަބަބަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިސްރާބު ބައްޓަން ކުރުމުގެ ޤާބިލުކަން ދިވެހި ވެރިންގެ ކިބައިގައި ނެތުމެވެ. ދިވެހިންގެ ނަޞީބު ތަންދިން ގޮތުން އިސްވެ ބަޔާން ކުރެވުނު، މުޅި ދުނިޔެ ދުށް އުފެއްދުންތެރިކަމުގެ އިންޤިލާބުގެ އެންމެ ރަން ދުވަސްވަރު ރާއްޖޭގެ ލީޑަރޝިޕްގައި ހުންނެވީ މަޢުމޫން ޢަބްދުލް ޤައްޔޫމެވެ. އެމަނިކްފާނަކީ، އުފެއްދުންތެރިކަމާ، އޭގެ ޒަމާނީ އިލްމު ދެނެވަޑައިގެން ހުންނެވި ބޭފުޅެއް ނޫނެވެ. އަދި އެމަނިކްފާނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި، ރާއްޖޭގެ ޤުދުރަތީ ވަޞީލަތްތައް ދިވެހިންނަށް މަންފާ ކުރާނޭ ގޮތުގެ މަތިން ބައްޓަންކުރުމުގެ ފުރިހަމަ ޤާބިލުކަމެއް އެ ވެރިކަމުގެ ދިގު ޒަމާންތަކުގެ ތެރެއިން ފެންނާކަށް ނެތެވެ. ނަތީޖާއަކަށްވީ، ދިވެހި މަސްވެރިކަމުގެ ސިނާޢަތު ފުޅާވެ، ބިޔަވެ ބޮޑުވެގެން ދިއުމުގެ ފުރުސަތު ހަގީގަތުގައި ހަނިވެ، އެ ސިނާއަތު ދިގުޒަމާންތަކެއް ވަންދެން އޮތީ ކުރިޔަށް ދުއްވައިގަންނަން ނޭގިފައެވެ.
އެހެންނަމަވެސް، މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވާ، މިސިނާއަތު ފުޅާކުރުމުގެ ތަނަވަސް ފުރުސަތުތަތައް ދިވެހި ސަރުކާރަށް އޭރުވެސް ލިބިގެން ދިޔައެވެ. މިގޮތުން، 1970ގެ ތެރޭގައި ޖަޕާނުގެ ކުންފުންޏަކުން ޅ.ފެލިވަރުގައި ތަރައްޤީ ކުރި، ދިވެހިރާއްޖޭގައި ހުރި، މަސްބަންދު ކުރާ ހަމައެކަނި ކާރުޚާނާ ޖަޕާނުގެ ސަރުކާރުން ވެދެއްވި އެހީއެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ މިލްކަކަށް ބަދަލުވިއެވެ. ނަމަވެސް މަސްވެރިން ބާނާ މަސް ގަނެ ސްޓޯރ ކުރެވޭނެ ކެޕޭސިޓީ އިތުރު ކުރެވި، ޒަމާނަށް އައި ބަދަލާއިއެކު އެމިންވަރަށް އޭރުގެ ސަރުކާރަށް ކުރިއެރުވުނު މަންޒަރު ފެނިގެނެއް ނުދިޔައެވެ.

ނަތީޖާއެއްގެ ގޮތުން، ވޭތުވެ ދިޔަ 40 ވަރަކަށް އަހަރުގެ ދިގު މުއްދަތަކަށް ބަލާއިރު، ރާއްޖޭގެ މަސްވެރިން ބުރަ މަސައްކަތުން، ލެޔާ ދާއޮހޮރައިގެން ބާނަމުން ދިޔަ މަސްތައް، ރައްކާ ކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުން އުކާލަން ޖެހުމަކީ، މެދުކެޑުމެއް ނެތި، މަސްވެރިން ތަހައްމަލް ކުރަމުންއައި ވޭނާއި ހިތްދަތި ކަމެކެވެ. އަދި އޭރުގެ ސަގާފަތަކީ، މަސްވެރިންނަށް ސަލާމަތް ކުރެވި، ވިއްކާލެވޭ މަހުން ދައުލަތަށް ލިބޭ ފައިދާގެ ބޮޑުބައެއް، އޭރު ވަދެފައިވަނީ، ސަރުކާރުގެ ބޮޑުންގެ ޖީބަށްކަން މިއީ، އެޒަމާނުގައިވެސް އަދި މިޒަމާނުގައިވެސް، އެންމެން ދަންނަ ބޮޑު ސިއްރެކެވެ.
މަސްވެރިކަމުގެ ސިނާއަތް މިނިވަނެއް ނުވޭ
ޒަމާނުއްސުރެން ދިވެހި ސަރުކާރުން، ރާއްޖޭގެ މަސްވެރިން ބާނަމުން އައި މަހަށް އަތްގަދަ ކޮށްފައި އޮތް އޮތުމަށް ނިމުމެއް އައިސްފައެއް ނުވެއެވެ.
މިގޮތުން މަސްވެރިކަމުގެ ސިނާޢަތުގައި، މަސް ގަނެ އެކްސްޕޯރޓް ކުރުމުގެ ވިޔަފާރިއަށް ވާދަވެރި އެހެން ފަރާތްތަކުން ވަނުމުގެ ފުރުޞަތު ބަންދުކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަކި ޒޯންތަކެއް ކަނޑައަޅައި 3 ފަރާތަކަށް އެކަނި މަސް ގަނެވޭނެ ގޮތަށް ޤަވާޢިދު ބައްޓަންކޮށް، އިއްޔެވެސް މިއަދުވެސް ހަގީގަތުގައި ތަންފީޒުކުރަމުންދާ އުސޫލަކީ މިއީއެވެ.

ނަތީޖާއެއްގެ ގޮތުން، މަސްވެރިކަމުގެ ސިނާޢަތު ވާދަވެރި މާރކެޓަކަށް ބަދަލުވާކަަށް ފުރުސަތެއް ނެތެވެ. އަދި މީގެ އިތުރުން، މަސް ގަންނަ އަގު ސަރުކާރުން ކޮންޓްރޯލްކޮށް، ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި މަހުގެ އަގު މާރކެޓް ރޭޓަށް ނުފެތޭ ގޮތަށް ލިމިޓް ކޮށްފައި އޮންނަ އޮތުމަކީ، މަސްވެރިކަން އޯޕެން މާރކެޓް އިކޮނިމީގެ ސިޔާސަތުގެ ތެރެއަށް ފެއްތުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
އިންތިޚާބުތަކާއި ދިމާކޮށް މަސްވެރިންގެ ތާޢީދު ހޯދުމަށް ސަރުކާރުތަކުން، ދައުލަތުގެ މަސް ކުންފުނީގެ ބައިތުލްމާލުން ޚަރަދުކޮށް، މާރކެޓް އަގަށް ވުރެން ބޮޑު އަގެއް، އަބަދުވެސް މަހަށް ދައްކަމުން ގޮސްފައިވެއެވެ. ނަމަވެސް މަސް ގަނެ ރައްކާ ކުރެވޭނެ ނިޒާމު އިތުރަށް ފުޅާކޮށް، ކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމަށް އިންވެސްޓުކޮށް މަސައްކަތް ކޮށްފައެއް ނުވެއެވެ.
އަދި ސަރުކާރަށް، ކެރިކުޅަދާނަ ވެގެން ނުވާ ހާލުގައިވެސް، ދާދި ފަހަކާ ޖެހެންދެންވެސް، މަސްވެރިކަމުގެ ސިނާޢަތް އަމިއްލަ ފަރާތްތަކުން ވަނުމުގެ ދޮރުވަނީ މުޅިހެން ކަހަލަ ގޮތަކަށް ވަނީ ބަންދު ކޮށްފައެވެ. ފުޅާ ދާއިރާއެއްގެ، މިސިޏާއަތުގައި އަމިއްލަ ފަރާތްތަކަށް ހަރަކާތްތެރި ވެވޭނޭ މަގު ބަންދުވެފައި އޮތުމުގެ ނަތީޖާ މިއަދުވެސް ވަރަށް ހިއްޗެވެ.
ދިވެހި މަސްވެރިން ބާނާ މަސް ރައްކާކުރެވޭނެ ކެޕޭސިޓީ ދައުލަތުގައި ނެތްއިރު، މި ސިނާއަތުގައި ހަރަކާތްތެރިވުމުގެ ފުރުސަތުއޮތް އެންމެ 2 ކުންފުނީގެ ބޭނުން ކޮށްގެންވެސް، ދިވެހި ކަނޑުތަކުގައި ދުއްވައިގެން ދިވެހި މަސްވެރިން ބާނާ މަސް ކިރުވައި، ހަމަ އަގު ދިވެހި މަސްވެރިންނަށް ލިބިދެވޭނެ ކެޕޭސިޓީ މިވަނީ ހޯދައި ނުގަނެވިފައެވެ. ސަރުކާރާއި ސަރުކާރުން ހުއްދަދީފައިވާ އެންމެ 2 ފަރާތެއްގެ ކެޕޭސިޓީއަށް ވުރެން އިތުރަށް ބާނާ މަސް މިއަދުވެސް، ދިވެހި މަސްވެރިން އުކާލަންޖެހިފައިވާ ކަމީ ހިތާމަ ހުރި ކަމެކެވެ. އަދި މި މައްސަލައަށް ޙައްލު ގެނައުމަށް މަސްވެރިކަމުގެ ވުޒާރާ މިއަދު މިވަނީ ނުކުޅެދިފައެވެ.
މުސްތަގުބަލް ބަނަ
އާދޭހެވެ! ޒިންމާ ނަގަންޖެހޭ ފަރާތްތަކުން ބުނަމުން މިދަނީ، މިފްކޯ އަކީ ފެއިލްވެފައިވާ ކުންފުންޏެއް ކަމުގައެވެ. މިފްކޯ ނަގާ ކޮޅަށް ޖެހާނެ ގޮތުގެ ސިޔާސަތެއް، ޕްލޭނެއް ދައްކަވާފައެއް ނުވެއެވެ.
އެހެންނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ، ދައުލަތުގެ މުވައްސާސާއެއް ފެއިލްވެގެން ގޮސްފައިވާ ކަމުގެ ވާހަކަ ދައުލަތުގެ ވެރިން ދައްކަވައިގެން ނުވާނެ ކަމެވެ. ސަރުކާރުގެ ވަޒީރުން ސިނާއަތްތަކަށް ދެވަން ޖެހޭނީ އުއްމީދެވެ. ދައްކަވަން ވާނީ، މުވައްސަސާތައް ނަގާ ކޮޅަށް ޖަހާނެ ގޮތުގެ ވާހަކަތަކެވެ. ދައުލަތުގެ ވަޒީރުންނަކީ ގޮތް ހުސްވެ، ނާއުއްމީދުވެފައި ތިބޭ ބަޔަކަށް ވެގެން ނުވާނެއެވެ. ސަބަބަކީ، އެބޭފުޅުން ހަވާލު ވެވަޑައިގެން އެތިއްބަވަނީ، އެތަކެއް ރައްޔިތުންނެއްގެ އުއްމީދުތައް ހަގީގަތަށް ހަދާދިނުމުގެ މަސައްކަތާކަމަށް ވާތީއެވެ.
އަދި ޚާއްޞަކޮށް މިހާރުގެ މަސްވެރިކަމާއި ބެހޭ ވަޒީރަކީ، ރައީސް ޔާމީން ވެރިކަމުގައިވެސް، އެޒަމާނުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ބޭފުޅާއެވެ. އޭރުއްސުރެވެ، މިސިނާއަތުގައި އިންވެސްޓްކުރުމުގެ ޝައުގުވެރިކަމުގައި ތިއްވެވި އެތައްބަޔަކު އެބަ ތިއްބެވިއެވެ. އެހެންނަމަވެސް، މިސިނާއަތް ފުޅާކުރާކަށް އޭރުވެސް، މިހާރުވެސް ޖާގައެއް ނެތެވެ. ލާމަރުކަޒީއެއް ނުކުރެވެއެވެ.
ނަތީޖާއެއްގެ ގޮތުން، މަސްވެރިންގެ، އުއްމީދުގެ ހުޅުކޮޅު އަލުން ރޯވެގެން ދިއުމަކީ ނާދިރު ކަމެއްކަމުގައި ގިނަ މަސްވެރިން ދަނީ ސިފަކުރަމުންނެވެ. މައްސަލަތައް ހުރީ ފުނިޖެހިފައެވެ. ދިވެހި މަސްވެރިން އަދިވެސް ތިބީ ސަރުކާރުން ހޯއްދަވާ ދެއްވާނެ ހައްލެއްގެ އުއްމީދުގައެވެ.
ކޮމެންޓު ފޮނުވާ