ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޔޫއޭއީން ދީފި

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޔޫއޭއީން ދީފި

Author
ހުސައިން
28 ސެޕްޓެމްބަރ 2024 11:50
0

ރާއްޖެއަށް އެހީތެރިވުމަށް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން އެކުވެރި ޢަރަބި އިމާރާތުން (ޔޫއޭއީ) އިން ދީފައެވެ. މި ޔަޤީންކަން ދީފައިވަނީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ހިޒް ހައިނަސް، ޝައިޚް ޢަބްދުﷲ ބިން ޒާއިދު އާލް ނަހްޔާނާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ މިހާރުގެ ޙާލަތާއި ބެހޭ މަޢުލޫމާތު ހިއްސާކުރައްވައި، ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް އިޤްތިޞާދީ ތަރައްޤީ، އިންވެސްޓްމަންޓް އަދި ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޖަވާބުގައި ޝައިޚް ޢަބްދުﷲ ބިން ޒާއިދު އާލް ނަހްޔާން ވިދާޅުވީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ ދާއިރާއަކުން އެހީތެރިވުމަށް ޔޫއޭއީ ތައްޔާރަށް އޮތް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގައި ދެ ބޭފުޅުންވެސް އެއްބަސްވެވަޑައިގަތީ ދެ ޤައުމުގެ ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށާއި އެކަކު އަނެކަކަށް އެއްބާރުލުން ދިނުމަށެވެ. މިކަމަށް ދެ ބޭފުޅުން ވަނީ ޔަޤީންކަން ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.