ރާއްޖޭގައި ބަންކަރިންގެ ވިޔަފާރި މިހާތަނަށް ނުފެށި އޮތީ ކުރީގެޗވެރިންގެ އެކަން ކުރުމުގެ އަޒުމު ނެތިގެންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ހޯރަފުށީގައި މިއަދު ބޭއްވުނު ބަންކަރިންގެ ވިޔަފާރި އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ އިކޮނޮމިކް މިނިސްޓަރުވެސް ކަމުގައިވާ ސައީދު ފާހަގަކުރެއްވީ މިހާތަނަށް ވެރިންގެ ކިބައިގައި މިކަން ކުރުމުގެ ޢަޒުމު ނެތްކަމެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަކީ ހަމައެކަނި ހުވަފެން ދެކެ، ޕްލޭންތައް ހަދައި، ތަންފީޒުކުރަން ނުކެރޭ ވެރިއަކަށް ވާން ބޭނުންފުޅުނުވާ ބޭފުޅެއް ކަމަށެވެ. ރައީސް މުޢިއްޒަށް މުހިންމީ މިފަދަ ކަންކަން ނިންމުން ކަމަށާއި، ހަމައެކަނި ހުވަފެން ފެނި، ވާހަކަދައްކައި، ކަންތައްތައް ފޮތެއްގައި ލިޔެ، ޢަމަލުނުކޮށް ހުންނަ ވެރިއަކަށް ވާކަށް ބޭނުންފުޅުނުވާ ކަމަށް ސައީދު ވިދާޅުވިއެވެ.
އިތުރަށް ސައީދު ފާހަގަކުރެއްވީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތްތާ އެންމެ ފަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނި އުފެއްދެވި ކަމަށެވެ. މި ކުންފުނީގެ މަޤްޞަދަކީ އިންޑަސްޓްރިއަލް މަސައްކަތް ދިވެހިންގެ އަތްމަތީގައި ބޭއްވުން ކަމަށާއި، އިންޑަސްޓްރިއަލް ތަރައްޤީގެ މަސައްކަތް މި ކުންފުނިން ކުރާ ގޮތަށް ހަމަޖެއްސެވީ ދިވެހިންގެ އަތުގައި މީގެ ކޮންޓްރޯލް އޮތުމަށް ކަމަށް ސައީދު ވިދާޅުވިއެވެ. މިގޮތުން، އެންމެ ހަ މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ އެންމެ ވަރުގަދަ ކުންފުންޏަކާއެކު ބަންކަރިންގެ ވިޔަފާރި ފެށުނު ކަމަށާއި، އެސްޓީއޯ އަކީ މީގެ އެއް ބައިވެރިޔާ ކަމުގައިވެސް ސައީދު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ