އިމްޕޯޓުކުރުމަށް ރުފިޔާއިން މުޢާމަލާތް ކުރުމަށް ޗައިނާއާއެކު އެމްއޯޔޫގައި ސޮއިކޮށްފި

އިމްޕޯޓުކުރުމަށް ރުފިޔާއިން މުޢާމަލާތް ކުރުމަށް ޗައިނާއާއެކު އެމްއޯޔޫގައި ސޮއިކޮށްފި

Author
ހުސައިން
13 ސެޕްޓެމްބަރ 2024 05:07
0

ދިވެހި ސަރުކާރުން ޗައިނާގެ މަރުކަޒީ ބޭންކު، ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ) އާއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެމްއޯޔޫއިން ކަރަންޓް އެކައުންޓް މުޢާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ޤައުމީ ފައިސާއިން ހިންގުމުގެ އޮނިގަނޑު އެކުލަވާލައިދޭނެއެވެ.

ދިވެހިރާއްޖޭގައި އެމެރިކާ ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާތީ، މިހާރުގެ ސަރުކާރުން މިފަދަ އެއްބަސްވުންތަކުގައި ރަހުމަތްތެރި ޤައުމުތަކާއެކު ސޮއިކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ގެންދަމުންނެވެ.

ޗައިނާގެ މަރުކަޒީ ބޭންކާއެކު އެމްއޯޔޫގައި ސޮއިކުރިކަން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި އިޤްތިޞާދީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އެ ވުޒާރާއިން ބުނާގޮތުގައި، މި އެމްއޯޔޫއިން ޤައުމީ ފައިސާއިން ކަރަންޓް އެކައުންޓް މުޢާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ހިންގުމަށް އެއްބާރުލުން ދިނުމުގެ އޮނިގަނޑު އެކުލަވާލައިދޭނެއެވެ.

މި އެމްއޯޔޫއިން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ގޮތުން، މި އެއްބަސްވުމުގެ ސަބަބުން ޤައުމީ ފައިސާއިން މުޢާމަލާތްތައް ހިންގުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ޗައިނާއިން އިމްޕޯޓްކުރާ ވިޔަފާރިވެރިންނަށް ފަސޭހަވެ، ދެ ޤައުމުގެ ދެމެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

މި އެމްއޯޔޫއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ސިޔާސަތު އިތުރަށް ފުޅާކޮށް، މުހިންމު ބައިނަލްއަޤްވާމީ ބައިވެރިންނާ، ގައުމުތަކާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމުގެ ސްޓްރެޓީޖިކް ވިޝަންގެ ތަޞައްވުރެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ޗައިނާއަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިންގެ ތެރެއިން އެއް ބައިވެރިއެވެ. ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ އަގު އަހަރަކު 700 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކީވެސް ޗައިނާއެވެ.

އިޤްތިޞާދީ ވުޒާރާގެ ބަޔާނުގައި، މިދިޔަ ޖަނަވަރީ މަހު ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ޒިޔާރަތުން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދިޔަކަން ފާހަގަކޮށްފައިވެއެވެ. އެ ދަތުރުފުޅުގައި ރައީސް މުޢިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ސްޓްރެޓީޖިކް އެއްބާރުލުމުގެ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށާއި، އެ މަޝްވަރާތަކުގައި ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމަށް ދެ ފަރާތުންވެސް އެއްބަސްވެވަޑައިގަތްކަން ފާހަގަކޮށްފައިވެއެވެ.

މި އެމްއޯޔޫއަކީ އެ ދަތުރުފުޅާއި އެ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުގައި ބަޔާނުގައި ސިފަކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ދިވެހި ސަރުކާރުން އަވައްޓެރި އިންޑިއާއާއެކުވެސް މިފަދަ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަސައްކަތްކުރަމުންދާކަމެވެ.

ދިވެހިރާއްޖޭގެ ބޭރުގެ ދަރަނި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ޤައުމުގައި އެމެރިކާ ޑޮލަރުގެ ދަތިކަންވެސް ކުރިމަތިވެފައިވެއެވެ. އެމެރިކާ ޑޮލަރުގެ ދަތިކަން ކުޑަކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން، އެމެރިކާ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ޓެކްސް ދެއްކުމަށް އެ ފައިސާއިން ދެއްކޭ ގޮތަށް ސަރުކާރުން ޓެކްސްގެ ގަވާއިދު އިޞްލާޙުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.