ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ މަޝްވަރާކޮށްފިއެވެ.
އިއްޔެ ފިނޭންސް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ފިނޭންސް ޑރ. މުޙައްމަދު ޝަފީޤް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އެގްޒެކެޓިވް ޑިރެކްޓަރ ހާ އެކްސެލެންސީ ޑރ. ޖަސްޓީން ޑިއޮކްނޯ-ސިކާޓްއާ ބައްދަލުކުރެއްވިއެވެ.
ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ބައްދަލުވުމުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސަރުކާރުގެ މާލީ އިސްލާހުތަކާއި އޭ.ޑީ.ބީއާއެކު އިތުރަށް ގުޅިގެން މަސައްކަތްކުރެވޭނެ މަގުތައް ހޯދުމަށެވެ.
އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. މީގެއިތުރުން، އިއްޔެގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގައި އޭޑީބީގެ ރެޒިޑެންޓް މިޝަނެއް ގާއިމްކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އޭޑީބީގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. ޖަސްޓީން މިހާރު ގެންދަވަނީ ސަރުކާރުގެ މުހިންމު އިސްވެރިންނާ ބައްދަލުކޮށް، ޕްރޮޖެކްޓް ސައިޓްތަކަށް ޒިޔާރަތްކުރައްވަމުންނެވެ. މިއީ އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ކޮންސަލްޓޭޝަން ޒިޔާރަތެކެވެ.
ކޮމެންޓު ފޮނުވާ