އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް މަޖިލިސް ޗުއްޓީއަށްފަހު ކުރިއަށްދާނެ: ހީނާ

އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް މަޖިލިސް ޗުއްޓީއަށްފަހު ކުރިއަށްދާނެ: ހީނާ

Author
އަހުމަދު
10 ސެޕްޓެމްބަރ 2024 04:53
0

ރައްޔިތުންގެ މަޖިލިހުގެ ޗުއްޓީ އަށްފަހު އަލުން ޖަލްސާތައް ފެށުމާއެކުގައި އިސްރާއީލްގެ ޕާސްޕޯޓް މަނާ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

އިސްރާއީލް ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހަށް ހުށަހަޅާފައި އޮންނަތާ ދުވަސްތަކެއްވެއްޖެއެވެ. އެ ބިލް ދިރާސާ ކުރަން ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވާފައި ވިޔަސް، އެ ބިލްގެ މަސައްކަތެއް ނުކުރެއެވެ.

އިސްރާއީލު ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރަން ގާނޫނުތަކަށް ބަދަލު ގެންނަން ވަޒީރުންގެ ލަފާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ސަރުކާރަކީ ފަލަސްތީނުގެ މިނިވަންކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރާ އެއް ސަރުކާރު ކަމަށެވެ. އަދި ރައީސ ޑރ. މުހައްމަދު މުއިއްޒު ވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެކި ޕްލެޓްފޯމްތަކުގައި އެމަނިކުފާނުގެ ހިޔާލު ފާޅުކުރައްވަމުން ގެންދަވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ. މި ސަރުކާރުން ފަލަސްތީނާ ދޭތެރޭގައި ގެންގުޅޭ ސްޓޭންޑަށް ބަދަލެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ މަޖިލިސް ޗުއްޓީ އަށް ފަހު ފަށައިގަތުމުން އިސްރާއީލްގެ ޕާސްޕޯޓް މަނާ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާނެ ކަމަށެވެ.

"ފަލަސްތީނަކީ އަޅުގަނޑުމެންގެ އަހުންނާއި އުހުތުން ދިރިއުޅެމުން އަންނަ ގައުމެއް. އެހެންކަމުން ފަލަސްތީނާ ދޭތެރޭގައި އަޅުގަނޑުމެންގެ އޮތް ސްޓޭންޑެއް ބަދަލެއް ނުވޭ." ހީނާ ވިދާޅުވިއެވެ.

އިސްރާއީލްގެ ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. އެ ބިލާ ގުޅޭ ގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ކުރިން ވިދާޅުވެފައި ވަނީ މިހާރު ބިލު ހުށައަޅާފައި އޮތް ގޮތުން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމުގެ މައްސަލައަށް ޖުމްލަ ހައްލެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެހެންވެ، އެ ބިލަށް އިސްލާހުތަކެއް އަންނަން ޖެހޭ ކަމަށާއި ކޮމިޓީ މަރުހަލާގައި އެ ބިލް އިސްލާހު ކުރަން މަސައްކަތް ކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.