ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން، ރަސްމީ ދަތުރެއްގައި ޗައިނާއަށް ވަޑައިގެންފިއެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި، މި ދަތުރަކީ ޗައިނާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރުގެ ދަޢުވަތަކަށް އެ ބޭފުޅާއާ ބައްދަލުކުރެއްވުމަށާއި، ޗައިނާއިން ބާއްވާ ގްލޯބަލް ސެކިއުރިޓީ ކޯޕަރޭޝަނުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.
ހުކުރު ދުވަހު ޗައިނާއަށް ފުރާވަޑައިގެންނެވި އިހުސާން، މާދަމާ އެނބުރި ވަޑައިގަންނަވަން ހަމަޖެހިފައިވެއެވެ. މި ދަތުރުގައި، ޗައިނާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ވަންގް ޝައޮޒާންއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާއި ފުލުހުންގެ ކެޕޭސިޓީ ބިލްޑު ކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރެވުނު ކަމަށް އިހުސާން ވިދާޅުވިއެވެ.
އިތުރަށް، ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމާމެދު އަދި ޚާއްޞަކޮށް ޗައިނާއިން ކުރިއަށް ގެންދާ "ގްލޯބަލް ސެކިއުރިޓީ އިނިޝިއޭޓިވް" ތަންފީޒުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާދިއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދަނީ ގްލޯބަލް ސެކިއުރިޓީ އިނިޝިއޭޓިވްގެ ތިންވަނަ ފޯރަމެވެ. މި ފޯރަމުގައި 122 ގައުމެއްގެ އެކި ސަލާމަތީ އިދާރާތަކާއި ވުޒާރާތަކުން 2،100 އަށްވުރެ ގިނަ އޮފިޝަލުން ބައިވެރިވެއެވެ.
އެހެންނަމަވެސް، އިހުސާން ޗައިނާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުގެ އެއްވެސް ތަފުސީލެއް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން އަދި ހޯމް މިނިސްޓްރީގެ ރަސްމީ ވަސީލަތްތަކުންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ