ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން އަލުން ހުޅުވުމަށް ހުއްދަދިނުމުން މިހާތަނަށް 489 ތަނެއް ހިދުމަތަށް ގެނެވިފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 489 ތަނަކުން އަލުން ހިދުމަތް ދޭން ވަނީ ފަށާފައެވެ. އެއީ 139 ރިސޯޓާއި 220 ހޮޓާ-ގެސްޓުހައުސްގެ އިތުރުން 130 ސަފާރީ އުޅަނދެވެ.

މި ތަންތަނުން ހިދުމަތް ދޭން ފެށުމާއެކު ޖުމްލަ 40،185 ޓޫރިސްޓް އެނދު އޮޕަރޭޝަނަށް މިހާރު ނެރެވިފައި ވާކަމަށްވެސް ތަފާސްހިސާބުން ދައްކައެވެ. އެއީ ރިސޯޓުތަކުން 32،380 އެނދާއި، ހޮޓާ-ގެސްޓުހައުސް ތަކުން 5284 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2521 އެނދެވެ.

ރާއްޖޭގައި ފަތުރުވެރިންނަސް ހިދުމަތްދޭތަންތަން އޮޕަރޭޝަނަށް ގެނައުން އިތުރުވެފައި ވަނީ ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދުވެސް ބޮޑުތަނުން އިތުރު ވަމުން ދިއުމުންނެވެ. އެގޮތުން މި މަހު ގެ ފުރަތަމަ 23 ދުވަހު އެކަނިވެސް ރާއްޖެއަށް 66،069 ފަތުރުވެރިންވަނީ އައިސްފައެވެ. އަދި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އައި ފަތުރުވެރިންގެ އަދަދު މިހާރު ހުރީ 142،210ގަ އެވެ. މި އަދަދުތަކާއެކު މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 525،057 އަށް އަރާފައެވެ.
ރައްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދިޔަ ވަރަކަށް ރާއްޖެއަށް އޮޕަރޭޓްކުރާ އެއަރލައިން ތަކުގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް 24 އެއަރލައިނަކުން ރާއްޖެއަށް ވަނީ ދަތުރު ފަށާފައެވެ. އަދި މިއަހަރު ބާކީ މިއޮތް 5 ދުވަހުގެ ތެރޭގައި އިތުރު 5 އެއަރލައިން ރާއްޖެއަށް ދަތުރު ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ކޮމެންޓު ފޮނުވާ