ސްޕޯޓްސް ކާރު ދުއްވި މީހާ ހައްޔަރުކޮށް ބަންދަށް 3 ދުވަސް ޖަހައިފި

ސްޕޯޓްސް ކާރު ދުއްވި މީހާ ހައްޔަރުކޮށް ބަންދަށް 3 ދުވަސް ޖަހައިފި

Author
އަހުމަދު
03 ސެޕްޓެމްބަރ 2024 05:13
0

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޕޯޓްސް ކާރު ދުއްވި މީހާ އަލުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ތިން ދުވަސް ދީފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ އިބްރާހިމް އިކްރާމް، ކ. މާލެ، މ. ލޭންޑްއޮފްގާޑަންއެވެ. މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު މި އެކްސިޑެންޓު ހިނގީ ވިނަރެސް ފްލެޓް ކައިރިން ދުއްވާފައި ދިޔަ ސްޕޯޓްސް ކާރު ކޮންޓްރޯލް ނުވެ ގޮސް، ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ކާރުން ޖެހިގެންނެވެ.

މި އެކްސިޑެންޓު ހިނގުމާއެކު، އިކްރާމް ވަނީ ފިލައިފައެވެ. އެކަމަކު، އިކްރާމް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މިނިވަންވީ އޭނާގެ ބަންދާމެދު ގޮތެއް ނިންމި މަޖިލީހުގައި އޭނާއަށް ވަކީލެއްގެ ފުރުސަތު ލިބިފައި ނުވާތީއެވެ. ހައިކޯޓުގައި އެ އަމުރު އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ވަނީ އެ އަމުރު ބާތިލުކޮށް އިކްރާމް މިނިވަންކޮށްފައެވެ.

އެކަމަކު ހައި ކޯޓުގެ އެ ނިންމުމާ އެކު ފުލުހުން ވަނީ އަލުން ކޯޓު އަމުރެއް ހޯދައިގެން އެ ރޭ މެންދަމުގެ ވަގުތެއްގައި އިކްރާމު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ތިން ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އިކްރާމްގެ އިތުރުން ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި ގއ. ކަނޑުހުޅުދޫ އާޒާދު، ޖިނާހު އިސްމާއީލް ވެސް ވެސް ހައްޔަރުކުރިއެވެ. އެމީހުންނަކީ އިކްރާމް އާ އެކުގައި ކާރުގައި ތިބި މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.