އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި އަތުހަރުގެ މެޑިކަލް ޗެކްއަޕްތައް ނޯމަލް

އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި އަތުހަރުގެ މެޑިކަލް ޗެކްއަޕްތައް ނޯމަލް

Author
ޙަސަން މުޙައްމަދު
01 ސެޕްޓެމްބަރ 2024 09:07
0

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކުރި 32 އަހަރުގެ އާދަމް އަތުހަރު، ގިނަ މެޑިކަލް ޗެކްއަޕްތަކަކަށްފަހު ރަނގަޅު ޙާލަތެއްގައި ހުރިކަމަށް ފެންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

އަތުހަރު ވަނީ އަންހެނަކު ކަޓަރުގެ އަނިޔާގެ ބިރުދައްކައި ރަހީނުކޮށް، ހައްޔަރުކުރުމުން ސަލާމަތްވާން މަސައްކަތްކޮށްފައެވެ. އޭނާ ހައްޔަރުކުރުމުގައި އަނިޔާވެފައިވަނީ ފުލުހުން އޭނާގެ ފަހަތުން ގޮސް ބެޓަނަކުން ބޮލުގައި ޖެހުމުންނެވެ. ފުލުހުން އޭނާގެ ބޮލުގައި ޖެހީ ރަހީނުކުރި އަންހެން މީހާ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ ތެރޭގައެވެ.

ފުލުހުން ހާމަކުރި ގޮތުގައި އަތުހަރަށް ވަނީ އެކި ބާވަތުގެ މެޑިކަލް ޗެކްއަޕްތައް ހަދާފައެވެ. މީގެ ތެރޭގައި ނިއުރޮލޮޖިސްޓަކާ ބައްދަލުކުރުންވެސް ހިމެނެއެވެ. މި ހުރިހާ ޗެކްއަޕްތަކަކުންވެސް އޭނާގެ ހާލަތު ރަނގަޅުކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި، އެއްވެސް ސީރިއަސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އައިސީޔޫގައި ފަރުވާދިނުމަށް އެއްވެސް ޑޮކްޓަރަކު ލަފާދީފައެއް ނުވެއެވެ. އަދި އޭނާއަށް ސިކުނޑީގެ އެއްވެސް ހަމަލައެއް (ސީޒަރ) އައިކަމަށް އެއްވެސް ޑޮކްޓަރެއް ލިޔެފައެއް ނުވެއެވެ.

އޭނާގެ ހާލަތު ރަނގަޅުވުމާ ގުޅިގެން އިއްޔެ ވަނީ ހޮސްޕިޓަލުން ޑިސްޗާޖްކޮށްފައެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ފުލުހުން ބުނާ ގޮތުގައި އަތުހަރު ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ފުލުހުން އަތުހަރުގެ ރިމާންޑް އިތުރުކުރުމަށް ހުށަހަޅާފައިވަނީ އޭނާ ނެތި ހާޒިރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.