ފުލުހުން ބުނެފައިވާ ގޮތުގައި، ރަހީނު ކުރެވުނު އަންހެނަކު ސަލާމަތްކުރަން އުޅެނިކޮށް ޒަޚަމްވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ފިރިހެން މީހާގެ ހާލު މިހާރު ރަނގަޅުކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ރޭގެ ވަގުތެއްގައި މާލޭގެ މަގުމަތީގައި އަންހެނެއްގެ ކަރުގައި ވަޅިއެއް ޖައްސައިގެން ސައިކަލެއްގައި ދުއްވަމުންދިޔަ ފިރިހެންމީހާ، ބިހުރޯޒް މިސްކިތް ކައިރިން ހުއްޓުވައި، އަންހެންމީހާ ސަލާމަތްކުރުމަށް ފުލުހުން ބާރުގެ ބޭނުންކުރަން ޖެހުނެވެ. ފުލުހުން ބުނާ ގޮތުގައި، އެކި ފަހަރު މަތިން ނަސޭހަތްދީ ވާހަކަދެއްކުމުންވެސް އަންހެންމީހާ ދޫކޮށްނުލުމުން، އެންމެ ފުރަތަމަ ފުލުހުން މުގުރުން ފިރިހެންމީހާގެ ބޮލުގައި ޖަހާފައި ވެއެވެ. އަދި އޭނާ ބިންމައްޗަށް ވެއްޓުމާއެކު، އެތަނުގައި ތިބި ފުލުހުންނާއި އާންމުން ގުޅިގެން އަންހެން މީހާ ސަލާމަތްކުރިއެވެ.
މި ހާދިސާގައި އަންހެންމީހާއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަންހެންމީހާއަށް ފަރުވާ ދެވިފައިވަނީ އައިޖީއެމްއެޗްގައެވެ. އަދި ޒަޚަމްވި ފިރިހެންމީހާއަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށާއި، އޭނާގެ އަނިޔާތަކާ ގުޅޭ ޓެސްޓުތަކެއް ހަދާފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ