ކެނަބިސް އެތެރެކުރި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކެނަބިސް އެތެރެކުރި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

Author
ޙަސަން މުޙައްމަދު
27 އޮގަސްޓް 2024 09:15
0

ދިވެހިރާއްޖެއަށް ކެނަބިސް އެތެރެކުރި މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އިއްޔެ މި ހުކުމް އިއްވާފައިވަނީ ޅ. ނައިފަރު، ވެލިދޫގެ މުޙައްމަދު ޝަބިމްގެ މައްޗަށެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، 2024 މާރިޗު 11 ވަނަ ދުވަހުގެ 3:15 ގައި ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް، ވިލިމާލޭ ޝެއިޚް ޢަބްދުއްރަޙްމާން ޕްރީ ސްކޫލް ކައިރިން ޝަބިމް ފެނުނެވެ. އޭނާގެ ޢަމަލުތައް ހުރި ގޮތުން މަސްތުވާއެއްޗެއް އޭނާގެ އަތުގައި ހުރިކަމަށް ފުލުހުންނަށް ތުހުމަތުކުރެވުނެވެ. އެހެންކަމުން، އޭނާ ހުއްޓުވައި ބަލައި ފާސްކުރުމުން، އޭނާ ލައިގެން ހުރި ޖީންސުގެ ކަނާތްފަރާތު ކުރިމަތީ ޖީބުން ފިލްމު ހުސްކުރި ދަޅެއް ފެނުނެވެ. އެ ދަޅުގައި 23.9378 ގްރާމްގެ ކެނަބިސް ހުރިކަން ފުލުހުންގެ ތަޙްލީލު ރިޕޯޓުން ދައްކައެވެ.

14 ގްރާމަށްވުރެ ގިނައިން ކެނަބިސް ޝަބިމްގެ އަތުން ފެނުމާ ގުޅިގެން، އޭނާ ކެނަބިސް ޓްރެފިކްކުރި ކަމަށް ކޯޓުން ނިންމިއެވެ. އިތުރަށް، އޭނާގެ ކުޑަކަމުދާ އެއްޗެހި ކެނަބިސްއަށް ޕޮޒިޓިވްވެފައިވާކަމާއި، ކެނަބިސް ބޭނުންކުރާ ކަމަށް ފުލުހުންގެ ތަޙުޤީޤުގައި ޝަބިމް އިޢުތިރާފްވެފައިވެއެވެ. ނަމަވެސް، ޝަރީޢަތުގެ މަޖިލީހުގައި އޭނާ ވަނީ ދަޢުވާތަކަށް އިންކާރުކޮށް، އޭނާގެ ޖީބުން ކެނަބިސް އަޅާފައިވާ ދަޅު އޮންނަންވީ ސަބަބެއް ނޭނގޭ ކަމަށާއި، އެއީ އޭނާއާ އެއްވެސް ގުޅުމެއް ނެތް އެއްޗެއްކަމަށް ބުނެފައެވެ.

ދައުލަތުން މި މައްސަލައިގައި ހެކީގެ ގޮތުގައި ސީނުގައި ހަރަކާތްތެރިވި ފުލުހުންނާއި، މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓު، އަދި ކުޑަކަމުދާ ތަކެތީގެ ރިޕޯޓު ހުށަހަޅާފައިވެއެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން، ކެނަބިސް ޓްރެފިކްކުރުމުގެ ކުށަށް ކަނޑައެޅިފައިވާ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު، އެއްލައްކަ ރުފިޔާއިން ފެށިގެން ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުން، ޝަބިމްގެ މައްޗަށް ކަނޑައެޅޭނެ ޖަލު އަދަބަކީ 25 އަހަރެވެ. އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިނުވާތީ، ޖޫރިމަނާކޮށްފައިވަނީ އެންމެ ކުޑަ އަދަދުކަމަށްވާ އެއްލައްކަ ރުފިޔާއިންނެވެ. މި ޖޫރިމަނާ ފައިސާ 2024 އޮގަސްޓު 26 އިން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ޝަބިމްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.