ސްރީލަންކާގައި ޕޭޕަލްގެ ޚިދުމަތްތައް ރަސްމީކޮށް މެއި މަހުގެ 15 ވަނަ ދުވަހު ފަށާނެކަމަށް އެ ގައުމުގެ ގައުމީ ޓީވީ، ރުޕަވަހިނީ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ޕޭޕަލް ކުންފުނިން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، ރިޕޯޓުތައް ބުނާގޮތުން މިދިޔަ މަހު ޕޭޕަލްގެ އޮފިޝަލުން ވަނީ ލަންކާއަށް ޒިޔާރަތްކޮށް ކަމާބެހޭ ފަރާތްތަކާއެކު މި ޚިދުމަތް ތަޢާރަފުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މިހާރުވެސް ލަންކާ ރައްޔިތުންނަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު އޮތް ނަމަވެސް، މިހާތަނަށް ބައިނަލްއަޤްވާމީ ޕޭމަންޓްތައް ސީދާ އަމިއްލަ އެކައުންޓަށް ލިބޭނެ ގޮތެއް ހަމަޖެހިފައެއް ނުވެއެވެ. އެހެންކަމުން، ޕޭޕަލްގެ ފުރިހަމަ ޚިދުމަތް އެ ގައުމަށް ލިބެން ފެށުމަކީ ލަންކާގެ ފްރީލާންސަރުންނާއި، ޑިޖިޓަލް އަދި އޮންލައިން ވިޔަފާރިވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުމެކެވެ.
މި މަހުގެ 15 ގައި ޚިދުމަތް ފަށާނެކަމަށް ޚަބަރު ފެތުރިފައިވީ ނަމަވެސް، މި ޚިދުމަތް އޮޕަރޭޓްކުރާނެ ގޮތުގެ ތަފުސީލެއް ލަންކާ ސަރުކާރުން އަދި ސެންޓްރަލް ބޭންކުންވެސް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ