ސަން ސިޔާމްގެ އެހީގައި ބ. ކަމަދޫގެ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ކޮށްދެނީ

ސަން ސިޔާމްގެ އެހީގައި ބ. ކަމަދޫގެ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ކޮށްދެނީ

މަޝްހުރު ވިޔަފާރަވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމުގެ އެހީގައި ބ. ކަމަދޫގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ކަމަދޫ ކައުންސިލުން ބުނެފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރެވެ.

ޒަރީރު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކައުންސިލްގެ އިސްނެގުމަކަށް "ސަން ސިޔާމު ކެއާ" އާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު، ކަމަދޫ ރައްޔިތުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް މާލީ އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި އެހީތެރިކަން ލިބޭނީ އާސަންދައިން ނުލިބޭ ހާލަތްތަކުގައި ނުވަތަ އިތުރު ޚަރަދުތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެހީ ހޯދުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލުން ތައްޔާރުކޮށްފައިވާ ފޯމު ފުރައި، ކަމާ ގުޅޭ ލިޔުންތަކާއެކު ހުށަހެޅުމުން، ސަން ސިޔާމު ކެއާ މެދުވެރިކޮށް ބޭސްފަރުވާގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް، ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޒަރީރު ވިދާޅުވެފައި ވެއެވެ.

ގާތްގަނޑަކަށް 564 މީހުންގެ އާބާދީއެއް އޮތް ކަމަދޫގެ ރައްޔިތުންނަށް ސިޔާމު މި އެހީތެރިކަން ފޯރުކޮށްދެއްވަން ނިންމެވި ސަބަބާ ގުޅޭގޮތުން ޒަރީރު ވިދާޅުވެފައިވަނީ، ސިޔާމަކީ ސިޔާސީ އަދި ވިޔަފާރީގެ ދާއިރާގައި ފުންނާބު އުސް ބޭފުޅަކަށްވާތީ، އެހެން މީހުންނަށްވެސް އެހީވާ ފަދައިން ކަމަދޫ ރައްޔިތުންނަށްވެސް އެހީވުމަށް ނިންމެވީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޒަރީރު އިތުރަށް ވިދާޅުވީ، މިވަގުތު ކަމަދޫގައި ސިޔާމުގެ އެއްވެސް ވިޔަފާރިއެއް ނެތް ކަމަށާއި، ވިޔަފާރިއެއް ފެށުމަށް އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާ ކަމަށެވެ. އަދި ސިޔާމު އެންމެ ފަހުން ކަމަދޫއަށް ވަޑައިގަތީ މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކަމަށާއި، އޭގެފަހުން ކައުންސިލާ ގާތްގުޅުމެއް އޮންނަ ކަމަށް ޒަރީރު ފާހަގަކުރެއްވިއެވެ.

މި ނިންމުން އައިސްފައިވަނީ ސިޔާމު ކަމަދޫގެ ޒުވާން ކުއްޖަކާ ކައިވެނިކުރައްވަން އުޅުއްވާ ކަމަށް ބުނާ އަޑުތަކެއް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް މި އަޑުތަކާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުމަށް ކަމަދޫ ކައުންސިލުން ދެކޮޅު ހަދާފައިވާކަމަށްވެސް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *