ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު" 2025 ވަނަ އަހަރުގެ މެއި 23 އިން 31 އަށް ބޭއްވުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީގެ ވުޒާރާއިން ނިންމައިފިއެވެ.
މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި، ވިޔަފާރިތަކާއި، ރަށްތަކާއި ސިޓީތަކުގެ އިތުރުން ތަޢުލީމީ މަރުކަޒުތަކަށާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށެވެ.
ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒުގައި 81 ގިންތިއަކުން ވާދަކުރުމުގެ ފުރުޞަތު ހުޅުވާލެވޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި މައުރަޒުގައި ބައިވެރިވުމުގެ މުއްދަތާއި، ބައިވެރިވުމަށް ޢަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު އަވަސް މުސްތަޤުބަލެއްގައި އިޢުލާނުކުރާނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މައުރަޒުގެ މުބާރާތްތަކުގެ އިތުރުން، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް، އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް، އަދި މާކެޓްޕްލޭސް ޑިސްޓްރިކްޓް ހިމެނޭގޮތަށް މައުރަޒު ރޭވިފައިވެއެވެ. މީގެ އިތުރުން، އާ އީޖާދުތައް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، އެފަދަ އުފެއްދުންތެރިންނަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން ރިސާރޗް ގްރާންޓް ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އަދި ބައިނަލްއަޤްވާމީ ފަރާތްތަކަށްވެސް މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާއިރު، އެކި ޤައުމުތަކުގެ އުފެއްދުންތެރި މަސައްކަތްތައް ބައިވެރިކުރުމުގެ ފުރުޞަތުވެސް ހުޅުވާލެވޭނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ