ފެނަކައިގެ ދަށުގައި ހުރި އައިސްޕްލާންޓްތައް އޮޕަރޭޝަނަށް ގެނައުމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާއި ވަޒީރު އަޙްމަދު ޝިޔާމް މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް ފެނަކައިގެ ދަށުގައި ހުރި އައިސް ޕްލާންްޓްތައް އޮޕަރޭޓްކުރުމުގެ މުހިންމުކަން ވަޒީރު ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދުއާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވިއެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޢާޒު ވިދާޅުވީ އައިސްޕްލާންޓް ހިންގުން ހުއްޓާލުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އައިސްޕްލާންޓްތައް އެހެން ފަރާތަކާ ހަވާލުކުރުމުގެ މަރުހަލާ އަވަސް ކުރަން ބޭނުންވާ ކަމަށް އެމްޑީ ވިދާޅުވިއެވެ.
އެމްޑީ އިތުރަށް ވިދާޅުވީ މިވަގުތު ފެނަކައިގެ މުވައްޒަފުން އައިސްޕްލާންޓްތަކުގައި ތިބިކަމަށެވެ. އަދި ރަސްމީކޮށް އެހެން އިދާރާއަކަށް އައިސްޕްލާންޓުތައް ބަދަލުވުމުގެ މަރުހަލާ ނިމެންދެން އައިސްޕްލާންޓުތައް އޮޕަރޭޝަނަށް ގެނެސް މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.