ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ހެދުނުގެ ޖަލްސާގައި ބަހުސް ކުރާނެ މެމްބަރުން ނެތިގެން ޖަލްސާ ކުރުކޮށްލުމަށްފަހު މެދު ކަނޑާލައިފިއެވެ. ޖަލްސާ ފެށިތާ އެންމެ 10 މިނެޓު ތެރޭގައި މެދުކަނޑާލަން ޖެހުނީ ދެ މައިގަނޑު ސަބަބަކާ ހުރެއެވެ:
- އެޖެންޑާގައި ހިމެނިފައިވާ ދެ ރިޕޯޓަށް ބަހުސްކުރާނެ މެންބަރަކު ނެތުން.
- ސުވާލުކުރަން ހަމަޖެހިފައިވާ ހައުސިންގ މިނިސްޓަރު އާއިލީ ކުއްލި ކަމަކާ ހުރެ ވަޑައިނުގެންނެވުން.
މި ދެ ކަމުގެ ސަބަބުން ޖަލްސާގައި ކުރާނެ މަސައްކަތެއް ނެތުމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވީ ޖަލްސާ މެދުކަނޑާލައްވާށެވެ. އެހެންނަމަވެސް، މެދުކަނޑާލުމުގެ ކުރިން މަޖިލީހުގެ ކޮމިޓީތަކުން މިއަދު ބާއްވާ ބައްދަލުވުންތަކުގެ ލިސްޓު އިއްވެވިއެވެ.
ދެވަނަ ދަންފަޅި 11:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، އެ ދަންފަޅީގައިވެސް ބަހުސެއް ނެތެވެ. ހަމައެކަނި އޮތީ ވޯޓަށް އެހުމެވެ.
މަޖިލީހުގެ ހާޒިރީއަށް ބަލާއިރު، 93 މެންބަރުންގެ ތެރެއިން މިއަދުގެ ޖަލްސާއަށް ހާޒިރުވެފައިވަނީ 50 މެންބަރުން އެކަނި. ދެ މެންބަރަކު ސަލާމުގައި ތިއްބެވިއިރު، 41 މެންބަރަކު އެއްވެސް ސަބަބެއް ނާންގަވާ ވަޑައިނުގަންނަވައެވެ. މިކަމުން ދޭހަވަނީ މަޖިލީހުގެ ހާޒިރީ ދަށްވެފައިވާކަމެވެ.
ކޮމެންޓު ފޮނުވާ