ބަލިވެގެން ކަމަށް ވިދާޅުވެ ޑރ. އިޔާޒް ދަރުސް ހުއްޓާލީ އަމިއްލަފުޅަށް ކަމަށާއި، ދަރުސް ކުރިޔަށް ނުގެންދަވާތާ 1 މަސްވެގެން ހިގައްޖެ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް އިސްލާމީ މަރުކަޒުގައާއި އަދި ސަލްމާން މިސްކިތުގައި ދަރުސް ނުދޭން އިސްލާމިކް މިނިސްޓްރީން އަންގާފައިވާކަމަށް އޭނާ ނޫސްތަކަށް މައުލޫމާތު ދީފައިވަނިކޮށް ޑރ. ޝަހީމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ޑރ. އިޔާޒް ދަރުސް ހުއްޓާލީ އަމިއްލަފުޅަށް ކަމަށާއި ދަރުސް ނުދޭތީ މިހާރު 1 މަސް ފާއިތުވެއްޖެ ކަމުގައެވެ.
އަދި ކުރީ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ދެމުން އަންނަ ދަރުސެއް ހުއްޓުވާފަ ނުވާނެކަމަށް ވިދާޅުވެ ޑރ. ޝަހީމް ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ އަލުން ދަރުސް ފަށަން އިޔާޒް އެދުނީ އިއްޔެ ކަމުގައެވެ. އަދި މަރުކަޒު ނޫންތަނެއްގައި ދަރުސް ކުރިޔަަށް ގެންދެވޭނެކަމަށް އިޔާޒްއަށް އަންގާފައިވާނެކަމަށްވެސް ޝަހީމްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ޑރ އިޔާޒްް ބަލިވެގެން ކަމަށް ވިދާޅުވެ އަމިއްލަ ފުޅަށް ދަރުސް ހުއްޓަލިތާ 1 މަސްވެއްޖެ. ކުރީގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން އަންނަ ދަރުސެއް ހުއްޓުވާފަ ނުވާނެ. އަލުން ދަރުސް ފަށަށް އެދުނީ މިއަދު. ދެ މަަރުކަޒް ނޫންތަންތަނުގައި ކުރިއަށް ގެންދެވޭނެ ކަމަށްވާނީ ދަންނަވާފަ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 3, 2024
އަދާލަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް އިސްލާމީ މަރުކަޒުގައާއި އަދި ސަލްމާން މިސްކިތުގައި ކުރިއަށް ގެންދަވާ ތަފްސީރު ކުލާސްތައް ހުއްޓާލާ އެހެން މިސްކިތްތަކަށް ކްލާސްތައް ބަދަލުކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާކަމަށް އިއްޔެ އޭނާ ވަނީ ވިދާޅުވެފައެވެ.
"ޚަބަރު އޮންލައިން"އާއި މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. އިޔާޒު ވިދާޅުވީ މިނިސްޓްރީގެ ސްޓާފަކު އޭނާއަށް ގުޅާފަ އެކަން އެނގުމުން އެއީ މިނިސްޓަރުގެ ފަރާތުން އެންގި އެންގުމެއްތޯ އޭނާ ސުވާލު ކުރިކަމަށެވެ.
މިނިސްޓްރީގެ ސްޓާފަކު ގުޅީ. އަޅުގަޑު އެހިން މިނިސްޓަރގެ އެންގުމެއްތޯ؟ ވިދާޅުވީ ތިމަންނާއަށް އެންގީ ޑެޕިއުޓީ މިނިސްޓަރ މުތީއު ކަމަށް.
ޑރ. އިޔާޒް ވިދާޅުވިއެވެ.
ޑރ. އިޔާޒު ވިދާޅުވީ އެކުލާސްތަކަކީ 2018 ވަނަ އަހަރުވެސް ފެށިގެން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ މަރުކަޒުގައި ބާއްވަމުން އަންނަ ކުލާހެއް ކަމަށާއި، އެކުލާސް އެހެން މިސްކިތްތަކަށް ބަދަލުކުރަން ޖެހޭ ސަބަބެއް އަންގަވާފައި ނުވާކަމުގައެވެ.
އިޔާޒު ވިދާޅުވީ އެއީ މިނިސްޓަރ ޝަހީމް އެންގެވި އެންގެވުމެއްތޯ، ނުވަަތަ މިނިސްޓްރީގެ ނިންމުމެއްތޯ ނުވަތަ އެއީ ގުޅުއްވި މުވައްޒަފުގެ އަމިއްލަ ނިންމެވުމެއްތޯ އަންގަވާ ދެއްވުމަށް އަދި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްގެ ކިބައިން އެދިފައެވެ.
ތަފްސީރު ކުލާސްތައް އެހެން މިސްކިތްތަކަށް ބަދަލުކުރަން ޑރ. އިޔާޒް އަންގާފައިވާއިރު، ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔެ ޝަހީދު ކޮށްލުމާއި ގުޅިގެން، އޭނާގެ މައްޗަށް ޢައިބަށް ކަށުނަމާދު ކުރުމަށް ޑރ. އިޔާޒް ވަނީ މިސަރުކާރަށް ގޮވާލާފައެވެ. އެމައްސަލާގައި ސޯޝަލް މީޑިއާގައި ޑރ. ޝަހީމްއާއި ޑރ. އިޔާޒްއާދެމެދު ވަނީ ބަހުގެ ހަމަލާތައްވެސް ބަދަލު ކޮށްފައެވެ.