މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ "މަގުމަތީ ހިނގާލުން" މިއަދު ހުޅުމާލޭ ފޭސް 1 ގައި

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ "މަގުމަތީ ހިނގާލުން" މިއަދު ހުޅުމާލޭ ފޭސް 1 ގައި

Author
ޙަސަން މުޙައްމަދު
03 އޮގަސްޓް 2024 12:50
0

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ "މަގުމަތީ ހިނގާލުން" މިއަދު ހަވީރު ހުޅުމާލޭ ފޭސް 1 ގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި 59 އަހަރު ފުރޭ މިނިވަން ދުވަހުގެ މުނާސަބަތުގައި ސިފައިންގެ "މަގުމަތީ ހިނގާލުން" މާލޭގައި އިއްޔެ ވަނީ ބާއްވާފައެވެ.
އިއްޔެ ހަވީރު މާލޭގައި ބޭއްވި މަގުމަތީ ހިނގާލުން ޝަރަފުވެރިކޮށްދެއްވީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒުއެވެ.
އިއްޔެވެ، މަގުމަތީ ހިނގާލުން ފަށާފައިވަނީ، ހަވީރު 16:15 ގައި ސިފައިންގެ މައިމަރުކަޒު ބަންޑާރަކޮށިން ލަޝްކަރު ނުކުމެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމައްޗަށް މަޑުކޮށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒުއަށް ރިޕޯޓްކުރުމަށް ފަހުއެވެ. އަދި، ހިނގާލުމުގެ ލަޝްކަރު ވަނީ ޖުމްލަ ފަސް ތަނެއްގައި ހުއްޓައި، އެއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅެފައެވެ. މި ހިނގާލުން ނިންމާލާފައި ވަނީ ކަޅުތުއްކަލާކޮށްޓަށެވެ.
އިއްޔެގެ ހިނގާލުން ބަލާލުމަށް މާލޭގެ މަގުތަކަށް ގިނަ ބަޔަކު ނިކުމެފައިވެއެވެ. ވަކިން ޚާއްސަކޮށް ގިނަ އަދަދެއްގެ ތުއްތުކުދިން މަގުތަކަށް ނިކުމެ، ވަނީ މި ހިނގާލުން ބަލާފައެވެ.
މިއަދު ހުޅުމާލޭ ފޭސް 1 ގައި ބާއްވާ މަގުމަތީ ހިނގާލުން ފަށާނީ ހަވީރު 16:15 ގައި ހުޅުމާލޭ ކޯސްޓްގާޑް އުޅަނދުފަހަރު ބަނދަރުކުރާ ސަރަހައްދުންނެވެ. މި ހިނގާލުމުގައި ޖުމްލަ ތިން ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެއެވެ. މިއަދުގެ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަލާސީންކޮށްޓަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.