އިސްރާއީލުން ޝަހީދު ކޮށްލި، ހަމާސް ޖަމާއަތުގެ ލީޑަރު އިސމާއިލް ހަނިއްޔެގެ ހަށިގަޑު ގަތަރުގައި ފަސްތާނު ލައިފިއެވެ. އިސްމާއިލް ހައްނިއްޔޭގެ ޖަނާޒާ ބޭއްވުނީ އިއްޔެގެ ހުކުރު ނަމާދަށްފަހު ޤަތަރުގައެވެ.
ހަނިއްޔާގެ ކަށުނަމާދު ކުރެވުނީ ގަތަރުގެ ވެރިރަށް ދޯހާގެ، އިމާމް މުހައްމަދު ބިން އަބްދުލްވައްހާބު މިސްކިތުގައި ހުކުރު ނަމާދަށް ފަހުއެވެ. އަދި ހަނިއްޔާ ފަސްތާނުލެވުނީ ދޯހާގެ އުތުރުގައި އޮންނަ ލުސައިލްގެ ގަބުރުސްތާނުގައެވެ.
އިސްމާއިލް ހައްނިއްޔެ ކަށު ނަމާދަށް ގިނަ އަދަދެއްގެ ބަޔަލު ޤަތަރުގެ ދޯހާގައި ހުންނަ، އިމާމް މުހައްމަދު ބިން އަބްދުލްވައްހާބު މިސްކިތަށް ހާޒިރު ވެފައި ވެއެވެ. އަދި އޭނާގެ މައްޗަށް ޢައިބުގައި ދުނިޔޭގެ ގިނަ އިސްލާމީ ގައުމުތަކުގައި ކަށުނަމާދު ކޮށްފައި ވެއެވެ.
އިސްމާއިލް ހައންިޔެ ޝަހީދު ކޮށްލާފައިވަނީ އީރާނުގެ ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އީރާނަށް ވަޑައިގެން ހުންނަވަނިކޮށެވެ. ބައިނަލް އަގުވާމީ މީޑިއާތަކުގެ ރިޕޯޓު ކޮށްފައިވާ ގޮތުގައި ހަނިއްޔެ ޝަހީދު ކޮށްލާފައިވަނީ އީރާނުގައި އޭނާ ހުންނެވި ހޮޓަކުގެ ކޮޓަރިކޮޅުގައި މީގެ އެތައް މަހެއް ކުރިން ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެންނެވެ.
ގާޒާގައި ވެރިކަން ކުރަމުންދާ، ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހާމާސް ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 2017 ވަނަ އަހަރުގެ މޭމަހުގެ 6 ވަނަ ދުވަހުއެވެ. އޭނާ އެމަގާމަށް އައްޔަން ކޮށްފައިވަނީ އެމަގާމުގައި ހުންނެވި ޚާލިދު މިޝެލްގެ ބަދަލުގައެވެ.
އިސްމާއިލް ހާނިޔެ އުފަންވެވަޑައިގަތީ ގާޒާގެ ޝަތީ ރެފިއުޖީ ކޭމްޕަށެވެ. އޭނާގެ މަންމައާއި ބައްޕައަކީ 1948 ގައި އިސްރާއީލް އުފަންވުމާއެކު އަސްޤަލާން ދޫކޮށް ގާޒާއަށް ހިޖުރަ ކުރަންޖެހުނު ދެމަފިރިންނެވެ.
ހާނިޔެ ތައުލީމު ހާސިލް ކުރައްވާފައިވަނީ ގާޒާގެ އަލް އަޒުހަރު އިންސްޓިޓިއުޓް އިންނެވެ. އަދި އެއަށްފަހު އަރަބި ލިޓްރޭޗަރއިން އޭނާ ޑިގްރީ ހާސިލް ކުރެއްވީ ގާޒާގެ އިސްލާމިކް ޔުނިވަރސިޓީއިންނެވެ.
ހާނިޔެ 1983 ވަނަ އަހަރު ގުޅިވަޑައިގަތީ އިސްލާމިކް ސްޓޫޑަންޓް ބްލޮކްއާއެވެ. އޭގެފަހުން މި ބްލޮކް ބަދަލުވެފެން ގޮސްފައިވަނީ ހަމާސް ޖަމާއަތުގެ ގޮތުގައެވެ.
އޭނާ ހަމާސް ޖަމާއަތުގެ އެކި މަގާމްތަކުން ކުރިއަރަމުން އައިސްފައިވަނީ ހަމާސް ޖަމާއަތުގެ އެއް ބާނީ ކަމުގައިވާ، އިސްރާއީލުން ޝަހީދު ކޮށްލާފައިވާ ޝެއިޚް އަހުމަދު ޔާސިންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ.
އިސްރާއީލުން ވަނީ އިސްމާއިލް ހާނިޔެ އެތައް ފަހަރަކު ޖަލަށް ލާފައެވެ. އަދި އޭނާ ޝަހީދުކޮށްލުމަށް އިސްރާއީލުން އެތައް ފަހަރަކު މަސައްކަތް ކޮށްފައި ވެއެވެ.
މިއަހަރުގެ ކުރީކޮޅު އިސްރާއީލުން ވަނީ އިސްމާއިލްގެ ހާނިޔެގެ 3 ދަރިން ގާޒާގައި ޝަހީދު ކޮށްލާފައެވެ.