ބިދޭސީންގެ ލިމިޓް ކަނޑައަޅާނީ ރާއްޖޭގެ ހާލަތަށް ބެލުމަށް ފަހު: އިހުސާން

ބިދޭސީންގެ ލިމިޓް ކަނޑައަޅާނީ ރާއްޖޭގެ ހާލަތަށް ބެލުމަށް ފަހު: އިހުސާން

Author
ޙަސަން މުޙައްމަދު
30 ޖުލައި 2024 02:03
0

އެއް ގައުމަކުން ބިދޭސީން އެންމެ ގިނައިން ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެނައި ނަމަވެސް، ބިދޭސީންގެ ލިމިޓް ސަރުކާރުން އެއްކޮށް އުވައިނުލާނެ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދުވަހު ނޫސް "މިހާރު" އަށް ދެއްވި އިންޓަވިއުގައެވެ.

މިނިސްޓަރ ވިދާޅުވީ ބިދޭސީންގެ ލިމިޓް ކަނޑައަޅާނީ ރާއްޖޭގެ ހާލަތަށް ބެލުމަށް ފަހުގައި ކަމަށެވެ.

ގައުމުގެ ތަރައްގީގެ ނަޒަރުން ބަލާއިރު ބިދޭސީން ގެންނަން އޮންނަ ޑިމާންޑަށް އެކި ދުވަސްވަރު ބަދަލު އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މި ވަގުތު ތަރައްގީ ކުރަމުން އަންނަ ރަސްމާލެ އާއި ގުޅިފަޅާއި ތިލަފުށި އަދި އުތުރުތިލަފަޅު ހިއްކައިނިމި، މަސައްކަތްތައް ފެށުމުން ކޮންސްޓްރަކްޝަން ދާއިރާއަށް ބިދޭސީން ގެނައުމަށް އާދަޔާ ހިލާފު ޑިމާންޑެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުން ޓޫރިޒަމަށް ލިބޭ ކުރިއެރުމާ އެކު، ނުހެދި ހުރި ރިސޯޓުތައް ނިންމުމާއި އަލަށް އެފަދަ ތަންތަން ހެދުމަކީ ވެސް ބިދޭސީން ގެނައުމަށް ޑިމާންޑު ބޮޑުވާ ކަންތައްތަކެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހީންގެ ތެރޭގައި ލޭބަރުންގެ ބޮޑު ފޯސް އެއް ނެތުމުން ތަރައްގީގެ މަސައްކަތްތަކަށް ބިދޭސީން ގެންނަން ޖެހޭ ކަމަށެވެ. އެގޮތަށް ގެނައި ނަމަވެސް، ކަންބޮޑުވާން ޖެހެނީ ބިދޭސީންގެ އަދަދު އިތުރުވުމަށް ވުރެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިތުރުވެދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބިދޭސީންނަށް މަސައްކަތް ކުރެވޭ ދާއިރާތައް އިތުރުވުމަށް ވުރެ އެ މީހުންނަށް ހުއްދަ ނޯންނަ ދާއިރާތަކަށް ވަދެ ވިޔަފާރިކުރުމުގެ ކަންބޮޑުވުން އޮންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދައުލަތުން ބަދަލުކުރާ ސްޓޭންޑަކީ، ގާނޫނުގައި އޮންނަ ރިސްޓްރެކްޝަނެއް ބަދަލުކުރެވޭނީ ވަރަށް މަސައްކަތުން. އޭގެ ބަދަލުގައި ސަރުކާރުން ނަގާ ޑިސިޝަނަކަށް، އޭރަކު އޮންނަ އޮންނަ ލޭބަ ޑިމާންޑަކަށް ބަލާފައި އަދިވެސް ލިމިޓްތައް އޮންނާނެ. އެއީ 100،000 ތޯ ނުވަތަ 110،000 ތޯ ނުވަތަ 120،000 ތޯ އެ އިރެއްގައި އޮންނަ ޑިމާންޑަށް ބަލާފައި ނިންމާނެ. ވަޒީރު އިޙްސާން

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު ކަނޑައަޅާފައިވާ 100،000 މީހުންގެ ލިމިޓް ރަނގަޅުތޯ ނުވަތަ ނޫންކަން އެނގޭނީ ރާއްޖޭގައި މިހާރު ތިބި ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ފަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.