މި ދައުރުގައި ރާއްޖެއިން ތަލަށް ބަރޯސާވާ މިންވަރު %50 ކުޑަ ކުރެވޭނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ގައުމާ މުޚާތަބްކޮށް ވާގަހަކަ ދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މާލޭ ސަރަހައްދަށް އެވްރެޖްކޮށް ބޭނުންވަނީ 160 ވަރަކަށް މެގަވޮޓްގެ ކަރަންޓު ކަމަށާއި، ސެޕެޝަލް އިކޮނޮމިކް ޒޯން އުފައްދަން އިއުލާން ކުރުމާއެކު، އެ ފުރުސަތުގެ ބޭނުންކޮށް، ހަކަތައިން ކަރަންޓު އުފެއްދުމަށް މިހާރު ކުރިޔަށްދާ މަޝްރޫޢު 4 އަހަރު ދުވަހުގެ ތެރޭގައި ނިމިގެން ދާއިރު، އެ މަޝްރޫޢުން 100 މެގަވޮޓްގެ އިއާދަކުރުވަނިވި ހަކަތަ އުފައްދާނެ ކަމަށާއި އެ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ދޫކުރުމުން، މުޅި މާލޭ ސަރަހައްދަށް ދޫކުރާ ކަރަންޓު ފޯރުކޮށްދިނުމަށް ތެލަށް ބަރޯސާވާން ޖެހޭ މިންވަރު %50 ކުޑަ ކުރެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ތެޔޮ އިމްޕޯޓު ކުރުމަށް ކޮންމެ އަހަރަކުވެސް 600 ވަރަކަށް މިލިއަން ޑޮލަރު ދައުލަތުން ޚަރަދު ކުރަންޖެހޭ ކަމަށާއި، އެފައިސާ ސަލާމަތް ކުރެއްވިއްޖެނަމަ ދައުލަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމުގައެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 138 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވާފައެވެ. އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ، މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ އިތުރުން، ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް މި ޝަރަފް ނޭރުވޭ ބޭފުޅުންނަށް މި ޝަރަފް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެބޭފުޅުންގެ ރެކޯޑުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ ބޭފުޅުންގެ ތެރެއިން އިނާމު ދިނުމުގެ ޝަރުޠު ފުރިހަމަވާ ބޭފުޅުންނަށްވެސް ޝަރަފްގެ ބެޖާއި އައްޑަނަ އެރުވުނެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 138 ބޭފުޅުންގެ ތެރޭގައި ހިމެނެނީ 30 އަންހެން ބޭފުޅުންނާއި 108 ފިރިހެން ބޭފުޅުންނެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
މިރޭގެ ޖަލްސާގައި، އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ފަރާތްޕުޅުން ވާހަކަ ދެއްކެވީ ވ. ތީރު, އަލްފާޟިލް ޢަބްދުލްމުޙްސިން ރާމިޒް އެވެ.