މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން، ޕޯޓް އޮޕަރޭޝަންގެ 80 އިންސައްތަ ތިލަފުށީގައި ކުރިއަށްދާނެ ކަމަށާއި، ބާކީ ބައި މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫޢެއް ކަމަށާއި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އައު ބަނދަރު ހުޅުވަން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހަށެވެ.
ޕޯޓުގެ ބޮޑު ބައި ތިލަފުއްޓަށް ބަދަލުވި ނަމަވެސް، ބާކީ އޮޕަރޭޝަންތައް ހިންގާނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބްރިޖުން މާލެއާ ގުޅޭ އިންޑަސްޓްރިއަލް ވިލެޖުގެ ސަރަޙައްދެއް ޕޯޓާ ގުޅުންހުރި ބާކީ މަސައްކަތްތަކަށް ޚާއްޞަކުރެއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖުގެ ބޭނުން އަދި ހިފެން ނެތް ނަމަވެސް، ކޮންޓެއިނަރު އުފުލުމުގެ މަސައްކަތްތައް ރޯރޯ ފެރީގެ ޚިދުމަތް މެދުވެރިކޮށް ފުރިހަމަކުރެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިންޑަސްޓްރިއަލް ވިލެޖާއި ތިލަފުށިން އަމިއްލަ ވިޔަފާރިތަކަށް ޖާގަ ދޫކޮށް، ވިޔަފާރިވެރިންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އައު ބަނދަރު ބިނާވެގެންވަނީ ޒަމާނީ ޑިޖިޓަލް ނިޒާމެއްގެ މައްޗަށެވެ. ރައީސް ވިދާޅުވީ "ސްޓޭޓް އޮފް ދި އާޓް" ޒަމާނީ ޕޯޓެއް ޤާއިމުވުމުން، މުދާ ބޭލުމާއި ބަރުކުރުމުގެ ސްޕީޑް އިތުރުވެ، ތަކެތީގެ އަގުވެސް ކުޑަވެގެންދާނެ ކަމަށެވެ. މަޝްރޫޢުގެ މަގަތުފާލަން ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުންޏާއި އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު ދަނީ ކުރަމުންނެވެ.
ތިލަފުށީގައި ތަރައްޤީކުރާ އައު ބަނދަރަކީ މިހާރު މާލޭގައި ހިންގާ ބަނދަރަށްވުރެ 10 ގުނަ ބޮޑު ސަރަޙައްދެކެވެ. އަދި އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، އައު ބަނދަރުގެ މަގަތުފާލަން މިހާރުގެ ފާލަމަށްވުރެ 3 ގުނަ ދިގުވާނެއެވެ.
ކޮމެންޓު ފޮނުވާ